ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން އުފައްދާފައިވާ އެންއައިސީގެ މެންބަރުކަމަށް، އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ހަތަރު ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ކަމަށެވެ.
އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 1188، ޝުއައިބު އަބްދުއްރަހުމާނާއި، ދަފްތަރު. ނަންބަރު ރސ 12854، ޝިފާޒު އަލީ އާއި ދަފްތަރު. ނަންބަރު ރސ 1851، އަލީ މުހައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފެވެ.
އެ ހަތަރު ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވުމުން، މިމަހުގެ 13 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އެބޭފުޅުންނަށް ވަނީ ރުހުންދީފައެވެ.
އެންއައިސީގެ މެންބަރުކަމަށް އެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ، ހަތަރު މެންބަރެއްގެ ދައުރު މިއަދަށް ހަމަވުމުންނެވެ. އެއީ ކޮމިޝަންގެ ރައީސްގެ ގޮތުގައި މަސައްކަތްކުރެއްވި ގާސިމް އަބްދުލްކަރީމާއި ނައިބު ރައީސްގެ ގޮތުގައި މަސައްކަތްކުރެއްވި އާޝިޔަތު ޝިއުނާ އާއި ކޮމިޝަން މެންބަރު ޝުއައިބު އަބްދުއްރަހުމާން އަދި ކޮމިޝަން މެންބަރު އާމިނަތު ޝާދިޔާގެ ދައުރެވެ.
ނަމަވެސް އޭގެ ތެރެއިން ޝުއައިބު އަބްދުއްރަހުމާން ވަނީ އިތުރު ދައުރަކަށް އެންއައިސީގެ މެންބަރުކަމަށް މިއަދު އައްޔަންކުރައްވައިފައެވެ.
އެންއައިސީ އަކީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، އެ ކޮމިޝަންގެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން