ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީ ކުރިއަށްގެންދިޔަ "ނޫސްވެރިންގެ އިހުތިޖާޖު" ރޫޅާލުމަށް ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފިއެވެ.
މިމަހުގެ 16 ވަނަ ދުވަހު ނޫސްވެރިން ކުރި އެ އިހުތިޖާޖަކީ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަން ބިލު"އާ ދެކޮޅަށް ނޫސްވެރިން ކުރި އިހުތިޖާޖެކެވެ.
ނޫސްވެރިންނާއި އާންމުންގެ ބަޔަކު ކުރަމުންދިޔަ އެ އިހުތިޖާޖު ކޮންޓްރޯލުކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މަޖިލިސް އިދާރާ ކުރިމަތިން އިހުތިޖާޖުގެ ބައިވެރިން ދުރަށް ޖައްސައިފައެވެ. އެކަމާ ގުޅިގެން އިހުތިޖާޖުގެ ގިނަ ބައިވެރިންތަކެއް ވަނީ ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެކަން ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
އެންއައިސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިލާ ދެކޮޅަށް ކުރެވުނު އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށްބުނެ، ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އެ ދުވަހު ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށް، މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން