ނ. ހޮޅުދޫގެ ގެއެއްގެ ގުދަނެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް/ ޒަކިއްޔާ މޫސާ (50އ)ގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ގަބޫލުކުރެވޭތީ ފުލުހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އާ އެކު މަޝްވަރާކުރަން ފަށައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ ކޯޑިނޭޓަރު "ވަން" އަށް މިއަދު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބަލައި، އެންއައިސީން ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި މިވަގުތު އެ މައްސަލަ އޮތީ ދައުވާކުރުމާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށެވެ.
އެންއައިސީން ފުލުސް އޮފިސަރުންނަށް ކުރާ ތުހުމަތުތައް:
- ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ އަމަލު
- ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަގަމަގޮތުގައި ބޭނުންކުރުން
- އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން
- ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަަސްއެޅުން
ޒަކިއްޔާގެ އާއިލާ އިން ކުރިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެ އިހުމާލުތައް ފޮރުވަން އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ފުލުހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ހޮޅުދޫ ރައްޔިތުންނަށް ވިސްނައި ދިނުމަށް ކަމަށްވެސް އާއިލާ އިން ބުންޏެވެ.
އާއިލާގެ ބަޔާނުގައި އިތުރަށް ބުނީ، ފުލުހުން، ޒަކިއްޔާގެ ވާޗުއަލް އޮޓްޕްސީއެއް ހެދި ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށާއި އެފަދަ އެއްވެސް އޮޓްޕްސީ ރިޕޯޓެއް ނެތް ކަމަށެވެ. އަދި ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރު، ޒަކިއްޔާއަށް މީގެ ކުރިން ގެވެށި އަނިޔާ ކޮށްފައިވާ ކަމަށް ހެކިވެރިއަކު ގާތު ކިޔައިދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
އެ އަނިޔާތަކާ ގުޅިގެން ފިރިމީހާއާ ދުރަށް ދާން ބޭނުންވާ ކަމަށް ޒަކިއްޔާ ހެކިވެރިއެއްގެ ކައިރީގައި ބުނި ކަމަށާއި ރޭގަނޑު ވަގުތު ކޮޓަރީގައި ގެވެށި އަނިޔާކުރާތީ ޒަކިއްޔާ ހުންނަނީ ގެއާ ކައިރީގައި އޮންނަ އަތިރިމަތީގެ ނިކަ ގަހެއްގެ ކައިރީގައި ކަމަށްވެސް އާއިލާ އިން ބުންޏެވެ.
އެއްރެއަކު ޒަކިއްޔާ އެ ނިކަ ގަސް ކައިރީގައި ހުއްޓާ މުހައްމަދު ރަޝީދު އުމަރު އެތަނަށް ގޮސް، ޒަކިއްޔާ ނަގައި ނިކަ ގަހުގެ މޫތަކާ ދިމާލަށް އެއްލާލި ކަމަށާއި އޭގެފަހުން ފަހުން ޒަކިއްޔާގެ އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު ގޮނޑުދޮށާ ދިމާލުން ގެއާ ހަމައަށް 250 ފޫޓު ދުރުމިނަށް އެގޮތަށް ދަމާ ގެންދިޔަ ކަމަށް ހެކިވެރިޔާ ގާތު ޒަކިއްޔާ ބުނެފައިވާ ކަމަށްވެސް އާއިލާ އިން ބުންޏެވެ.
ޒަކިއްޔާގެ މަރުގެ ޓައިމްލައިން:
- 10 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ މަރުވެފައި އޮއްވައި ފެނުނު ދުވަސް
- 10 ސެޕްްޓެމްބަރު 2024 - ޒަކިއްޔާގެ މަރު ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް އެރި
- 11 ސެޕްޓެމްބަރު 2024 - ތަހުލީލުތައް ހެދުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައި
- 12 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ ހަށިގަނޑު އަލުން ހޮޅުދޫއަށް ގެންދިޔަ
- 12 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ ހަށިގަނޑު ހޮޅުދޫގައި ވަޅުލި
- 25 ނޮވެމްބަރު 2024 - ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޮޑު ހިނގާލުމެއް ބޭއްވި
- 3 ޑިސެމްބަރު 2024 - ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި (އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނި)
- 23 ޖެނުއަރީ 2025 - ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަން ފެށި
- 23 ފެބްރުއަރީ 2025 - ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމާއި އެންއައިސީން ބަލަން ފެށި
- 26 ފެބްރުއަރީ 2025 - ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގައި ބޭއްވި ސިލްސިލާ އިހުތިޖާޖުތަކުގެ ސަބަބުން ފުލުސް ކޮމިޝަނަރާއި ހޯމް ލޭންޑް މިނިސްޓަރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި (އެ ބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރު ވަނީ ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއްކަމަށް އިއުތިރާފުވެވަޑައިގެންފައި)
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު