ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ކަމަށް ބުނެ ހުއްޓުވައި ވަން އޮންލައިންގެ ނޫސްވެރިޔާ، ހަމްދާން އަހުމަދަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލައިގައި ހިމެނޭ ދެ ފުލުހެއްގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ބެލުމަށްފަހު، އެމްޖޭއޭ އިން މިއަދު އާންމުކުރި އިންސިޑެންޓް ރިޕޯޓުގައި ބުނީ އެ މައްސަލާގައި މި ވަގުތަށް ފެންނަން ހުރި މެޑިކަލް ރިޕޯޓުތަކާއި ނޫސްވެރިޔާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާއަށް ބަލާއިރު ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާވާނެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އެބަ އޮތް ކަމަށެވެ. އަދި ހަމްދާންއަށް ޖިސްމާނީ ބައެއް އަނިޔާތައްވެސް ލިބިފައިވާކަން މެޑިކަލް ރިޕޯޓުތަކުންނާއި "ވަން" އިން ހިއްސާކުރި މައުލޫމާތުން ކަށަވަރުވާ ކަމަށެވެ.

ހަމްދާނަށް ލިބިފައިވާ ބައެއް ޖިސްމާނީ އަނިޔާ

  • ނިތްކުރިމަތި ދުޅަވެ ގޮބިލާފައި ހުރި
  • ކަނާއަތުގައި ރިއްސާ ކަމަށް ބުނުން، އަތުގައި ހަރުވެ ނޫފައިގެންފައި ހުރި
  • ކޯމަތީގައި ދުޅަވެފައި ހުރި ކަމަށް ޑޮކްޓަރުގެ ލިޔުންތަކުގައި ފާހަގަކޮށްފައިވޭ

މީގެ އިތުރުން ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ހަމްދާން އަދިވެސް ސިއްސަ ސިއްސައިގެންދާ ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭއިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަމްދާން ގެންދިއުމުގެ ތެރޭގައި ގަދަކަމުން ކާރަށް އަރުވަން އުޅެފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށާއި ފުލުހުން އޭނާ ހުއްޓުވި ވީޑިއޯ ޑިލިޓް ކުރަން އިންކާރު ކުރުމުން ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ތެރޭގައި އޭނާއަށް އެކި ގޮތް ގޮތުން ބިރު ދައްކައި، މޫނުމަތީގައި ޖަހައި އެކި އަނިޔާތައް ކޮށްފައިވާ ކަމަށެވެ.

"އެކަމުގެ ތެރޭގައި އޭނާގެ މޫނު މަތީގައި މުއްކަވާފައި 4-5 ފަހަރަށް ފުލުހުން ޖެހި ކަމަށް ހަމްދާން ބުނެފައިވެއެވެ. އަދި އޭނާއަށް އެތަނުން ދެވޭނީ ރެކޯޑް ކުރި ވީޑިއޯ ފުހެލުމުން ކަމަށާއި ނޫނީ "ރިލްވާނަށް ހަދާލި ގޮތް" ހަދާލަން ޖެހިދާނެ ކަމަށް ބުނެވެސް ފުލުހުން އިންޒާރު ދިން ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާގެ ފޯނުގެ ލޮކްކޯޑް ހޯދައި ފޯނު ހުޅުވޭތޯ ފުލުހުން އެތަނުގެ ތެރޭގައި މަސައްކަތްކުރި ކަމަށްވެސް ހަމްދާން ބުނެފައިވެއެވެ. އަދި ފޯނު ނުހުޅުވައިފި ނަމަ އިނގިލި ބުރިކޮށްލާނެކަމުގެ އިންޒާރުދިން ކަމަށް ހަމްދާން ބުނެފައިވެއެވެ" އެމްޖޭއޭ އިން ބުންޏެވެ.

އެ ކަންކަމާ ގުޅިގެން އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށާއި ސީނަށް ގޮސް ހުއްޓުވަން އުޅުނު ދެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް އެންއައިސީއަށް ހުށަހެޅުމަށް އެމްޖޭއޭ އިން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ. އަދި އެ މައްސަލާގައި ހަމްދާންގެ ހާލަތުން ގާތުން ބަލައި ފޯރުކޮށްދެވެން އޮތް ގާނޫނީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވެސް އެމްޖޭއޭ އިން ވަނީ ނިންމާފައިވެ އެވެ.

ހަމްދާން ފުލުހުންނާ ކުރިމަތިލުމުގެ ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ނޫސްވެރިޔާ ވެސް އެއްބަސްވާތީ، އެމްޖޭއޭއިން ވަނީ އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް ބާރު އަޅައިފަ އެވެ.