ފަސް ރަށެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސަރުކާރުން މިއަދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށްވާ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތްތަކެކެވެ. އެގޮތުން، ށ. ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން، ފ. ދަރަބޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި ރަށްރަށުގެ ބަނދަރުތައް ތަރައްގީކުރުމުގެ ގޮތުން، ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއި، ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.

2 ސެޕްޓެމްބަރު 2026، ފަސް ރަށެއްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މަޝްރޫއުތަކުގެ ތަފްސީލުތައް:

ކ. ގާފަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު

  • ބަނދަރު އަދި ނެރު ފުންކުރުން
  • 420 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުން
  • 17 މީޓަރު ބޮޑުހިލަ ސަބްމާޖްޑް ބޭރުތޮށި ޖެހުން
  • 468 މީޓަރު މިހާރުގެ އެއްގަމުތޮށި މަރާމާތުކުރުން
  • 220mx4m ކޮންކްރީޓް ޖެޓީ އެޅުން

ށ. ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު - ފޭސް 2

  • 26.55 ހެކްޓަރު ބިން ހިއްކުން
  • 3284 މީޓަރު ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުން
  • 50 މީޓަރު ޖިއޯ ބޭގް ގްރޮއިން ޖެހުން

ފ. ދަރަނބޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު (360 ދުވަހުން ނިންމުމަށް)

  • ހަ ބޮޑުހިލައިގެ ގްރޮއިން ޖެހުން
  • 635 މީޓަރު ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓާ ޖެހުން
  • 65 މީޓަރުގެ ހަތަރު ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓާ ޖެހުން

ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު

  • ބަނދަރު އަދި ނެރު ފުންކުރުން
  • ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުން
  • 253 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ޖެހުން
  • 537 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން (ސޭންޑްފިލް ބްރޭކްވޯޓާ)
  • 535 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
  • 367 މީޓަރު ކުރީގެ އެއްގަމުތޮށި މަރާމާތުކުރުން
  • 383 މީޓަރު އާ އެއްގަމުތޮށި ޖެހުން
  • 11mx11m ރޭމްޕް ހެދުން
  • 150mx2m ކޮންކްރީޓް ޖެޓީ ހެދުން
  • 20mx3m މީޓަރު ކޮންކްރީޓް ބުރިޖު އެޅުން
  • ދެ ނެރު ބައްތި ޖެހުން
  • 24 މަގު ބައްތި ޖެހުން
  • 24 މަގު ބައްތި ޖެހުން
  • ޕޭވްމަންޓް ހެދުން

ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު - ފޭސް 2

  • 25 ހެކްޓަރުގެ ބިން ހިއްކުން
  • 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް
  • 162 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ
  • 356 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި (ގްރޮއިން)