އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުދުއާއި މީދޫއާ ދެމެދު ސްޕީޑް ފެރީގެ ދަތުރުތައް މިއަންނަ އަންގާރަ ދުވަހު ރަސްމީކޮށް ފެށުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އަލަށް ފަށާ މި ރޫޓުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ފަސޭހަކޮށްދީ، އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

ގަމުން ފުރައިގެން އެއްފަސްކޮށް އޮންނަ ހުޅުދުއާއި މީދޫގެ ގުޅިފައިވާ ބަނދަރަށް ދިއުމަށް ހޭދަވާނީ 21 މިނެޓްކަމަށް އެމްޓީސީސީން ބުންޏެވެ.

މި ދަތުުރުތަކުގެ ޝެޑިއުލްގައިވާ ގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ޖުމްލަ ހަތަރު ދަތުރު ގަމުން ހުޅުމީދުއަށް ބާއްވާނެއެވެ.

  • ހެނދުނު 07:02
  • މެންދުރު 11:32
  • މެންދުރުފަހު 03:02
  • ރޭގަނޑު 08:17 ގައެވެ.

ހުކުރު ދުވަސްތަކުގައި މިއާ ހިލާފަށް ތަވާލުކޮށްފައިވަނީ ތިން ދަތުރެވެ. އެ ދުވަހު ފެރީ ފުރާ ގަޑިތަކަކީ ހެނދުނު 09:02، މެންދުރުފަހު 03:02 އަދި ރޭގަނޑު 08:02 އެވެ.