ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގަމުން އައި އެންމެހައި މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، އެމްޓީސީސީގެ ދަށަށް އާރުޑީސީ ގެނައުމަށް ސަރުކާރުން ނިންމާފައިވާތީ، މިހާރު އާރުޑީސީގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެމްޓީސީސީގެ ބެލުމުގެ ދަށުންނެވެ.
މި ބަދަލާއެކު، ކުރިން އާރުޑީސީން ހިންގި ހުރިހާ މަޝްރޫއެއްގެ ޒިންމާ ދެން އުފުލާނީ އެމްޓީސީސީން ކަމަށް އެ ކުންފުނިން ވަނީ އާންމުކޮށް އަންގައިފައެވެ.
އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވައިފައެވެ. އާރުޑީސީން ކުރަމުންދަނީ މައިގަނޑު ގޮތެއްގައި މަގުހެދުމުގެ މަސައްކަތް ކަމަށާއި އެމްޓީސީސީއަކީ ވެސް މަގު ހަދައި، އަދި އެހެން އުމްރާނީ މަސައްކަތްތައްވެސް ކުރާ ކުންފުންޏެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ، އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކައި، މި ބަދަލު މި ގެންނަނީ. އެހެންވީމަ އާރްޑީސީ އުވާލެވި، އެމްޓީސީސީއާ އެއްކޮށްލެވި، އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑުކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެންދާނެ. އެހެންވީމަ، މި ދެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އެމްޑަބްލިޔުއެސްސީގެ 100 ޕަސަންޓު ހިއްސާ އާއި ދިރާގުގެ 51 ޕަސަންޓުގެ ހިއްސާ ސަރުކާރަށް ގަނެ، ބައެއް އެހެން ކުންފުނިތައް އެއްކޮށްލަން ނިންމަވާފައިވާކަން ވެސް ރައީސް އިއުލާންކުރެއްވިއެވެ.
ކޮމެންޓް