ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް އާރުޓީއެލް ފެރީއާއި ބަހުގެ ހިދުމަތް ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ބަދަލު ގެނެސްފައިވާ ކަމަށާއި ތެލެސީމިއާއަށް ފަރުވާ ހޯދާކަން އެނގޭ ކާޑެއް އޮންނަ ކޮންމެ މީހަކަށާއި އެ މީހާގެ އެހީތެރިއަކަށް މި ހިދުމަތް ލިބޭނެ ކަމަށެވެ.
މިކަމާ ބެހޭ އިތުރު ތަފުސީލު ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން 1650 ނުވަތަ 7369221 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި އެމްޓީސީސީން އަމާޒު ހިފާފައިވަނީ މުޖުތަމައުގެ އެންމެހައި ފަރުދުންނަށް ކަނޑާއި އެއްގަމުގެ ދަތުރުފަތުރު ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށެވެ.
އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ އާރުޓީއެލް ފެރީ އާއި ބަހުގެ ހިދުމަތް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ހިލޭ ލިބެމުންދެއެވެ. އޭގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން ތިން އަހަރުންދަށުގެ ކުޑަކުދިން އަދި ސްކޫލުތަކާއި ޔުނިވާސިޓީ ދަރިވަރުންނަށް ވެސް ހިލޭ ހިދުމަތް ލިބެއެވެ.
ކޮމެންޓް