މާލޭގެ ގިނަ ކޯޓުތަކެއް ހިމެނޭގޮތަށް ހުޅުމާލޭގައި ތަރައްގީކުރާ މާލޭ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މާލޭ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހައްމަދެވެ.

17 ނޮވެމްބަރު 2026، ހުޅުމާލޭގައި ތަރައްގީކުރާ މާލޭ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އެޅުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ބަންޑާރަނައިބު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖީލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

17 ނޮވެމްބަރު 2026، ހުޅުމާލޭގައި ތަރައްގީކުރާ މާލޭ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އެޅުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މި ކޯޓު ކޮމްޕްލެކްސް އިމާރާތުގައި ޖުމުލަ ހަތަރު ކޯޓެއް ހިންގުމަށް ބޭނުންވާ ޖާގަ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓާއި ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގާނެ ޖާގަ ވެސް މި އިމާރާތުގައި ހިމެނޭނެއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 25 ގައެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކޯޓުތަކުގައި ޖާގައިގެ ދަތިކަން ހުރުމުން މައްސަލަތައް ވަރަށް ބޮޑަށް ދިގުލައިގެންދިއުމުގެ ކަންބޮޑުވުމަކީ ފަނޑިޔާރުންގެ ގިނަ ދުވަސްވީ ކަންބޮޑުވުމެކެވެ. އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކޯޓް ކޮމްޕްލެކްސްއެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފައެވެ.