މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް ދީފައިވާ މުއްދަތު ހަމަވިއިރު، އެ ރިޕޯޓު ހުށަނާޅަނީ އަދާލަތު ޕާޓީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އީސީގެ ދަފުތަރުގައިވާ ގޮތުން ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވަނީ ހަތް ސިޔާސީ ޕާޓީއެވެ. އޭގެ ތެރެއިން މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮޑިޓް ރިޕޯޓު ހުށަހަޅާފައިވަނީ ފަސް ޕާޓީއަކުންނެވެ. އެއީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންއެފްއެވެ.

ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލާއިރު، އެންމެ ގިނަ މެންބަރުން މިހާރު ތިބީ ޕީއެންސީގައެވެ. އެ ޕާޓީގައި 74,000 އަށް ވުރެ ގިނަ މެންބަރުން ތިބިއިރު، ދެވަނައިގައި އޮތް އެމްޑީޕީގައި ތިބީ 43,000 އެއްހާ މެންބަރުންނެވެ. ޕީއެންއެފްގައި ތިބީ 3,012 މެންބަރުންނެވެ. މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން މަދު ޕާޓީއެވެ.

އީސީން ބުނީ މެންބަރުންގެ އަދަދު ހަމަވާތީ މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ ހަމައެކަނި ހަތަރު ޕާޓީއަކަށް ކަމަށެވެ. އެއީ ޕީއެންސީ، އެމްޑީޕީ، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީއެވެ.

އޮޑިޓް ރިޕޯޓު ހުށަނާޅާ ދެ ޕާޓީގެ ތެރެއިން އެމްއެންޕީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އަދި އަދާލަތު ޕާޓީއަކީ މިދިޔަ ސަރުކާރުގެ ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ އަހަރަކުވެސް ޕާޓީތަކުގެ މާލީ ބަޔާންތައް އޮޑިޓްކޮށް އީސީއަށް ހުށަހަޅަންޖެހެއެވެ.