ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، ބ. އޭދަފުށިން ގަދަ 16 ޔަގީންކުރި އިރު، ލ. އިސްދުއާއި ތ. ތިމަރަފުށި އަދި ކ. ގާފަރުންވެސް މުހިއްމު މޮޅުތަކެއް ހޯދައިފިއެވެ.
އޭދަފުށިން ޒޯން ތިނަކުން ގަދަ 16 ޔަގީންކުރީ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ. އެޓީމުން ރޭ ޅ. ކުރެންދޫ ކައިރިން 1-0 އިން މޮޅުވި އިރު، ދެމެޗުން ހަ ޕޮއިންޓް ހޯދާފައިވެއެވެ. އެ ޒޯންގައި ހަތަރު ޓީމުން ވާދަކުރާ އިރު، ލީގު ބުރުގައި އޭދަފުއްޓަށް ދެން ބާކީ އޮތީ ގާފަރާ ދެކޮޅަށް ކުޅޭ މެޗެވެ. ގާފަރަށް އެމެޗު މުހިއްމުވާ އިރު، އަދި ކުރެންދުއަށްވެސް ފުރުސަތެއް އެބައޮތެވެ. މާފުށިން ރޭ ގާފަރު ކައިރިން ބަލިވީ 3-0 އިންނެވެ. ގާފަރަށް އަމިއްލަ ބާރުގައި ގަދަ 16 އަށް ދިޔުމަށް އޭދަފުށި ކައިރިން ޕޮއިންޓެއް ހޯދަން ޖެހޭ އިރު، ކުރެންދުއަށް އޮތީ ތަފާތު ބޮޑުކޮށް މޮޅުވުމެވެ.
އޭދަފުށިން ރޭ ކުރެންދުއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ހަމައެކަނި ގޯލް ޖެހީ އަލީ ނަސީމެވެ. އެއީ ފަހުކޮޅުގައި ލިބުނު ޕެނަލްޓީއެއްގައެވެ.
ގާފަރުން މޮޅުވި މެޗުގައި ޝަނާން ރަޝާދު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއްް ގޯލް ޖެހީ އަޒްޔާން އިބްރާހީމެވެ.
ރޭ ކުޅުނު ޒޯން ހައެއްގެ މެޗުތަލަށް ބަލާ އިރު، ތިމަރަފުށިން ވަނީ އެ އަތޮޅު ކިނބިދޫގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. މީގެ ކުރިން އެ ޒޯނުގައި ކުޅެފައި އޮތް ދެމެޗުވެސް އެއްވަރުވެފައި އޮވެގެން ރޭ މެޗުތައް ނުކުތް އިރު، އިސްދޫން ވަނީ އަނެއްކާވެސް އެ އަތޮޅު ގަން ބަލިކޮށްފައެވެ. ގަމުން ރޭގެ މެޗަށް ނުކުތީ ގައުމީ ޓީމުގައި ހިމެނު އެ ޓީމުގެ އަބްދުﷲ ޖުނައިދު (ޖޭއްނެ) އާއި ހުސައިން ޝަރީފް (އޮންލީ)އާވެސް އެކުގައެވެ.
އިސްދޫން ރޭ 2-1 އިން ގަން ބަލިކުރި އިރު، އިސްދުއާއި ތިމަރަފުއްޓަށް ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. ގަމާއި ކިނބިދުއަށް ދެމެޗުން ޕޮއިންޓެއް ލިބިފައިވާ އިރު، އެ ދެޓީމަށްވެސް އަދި ފުރުސަތެއް އެބައޮތެވެ. ފަހު މެޗުތަކުގައި އިސްދުއާއި ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަ އިރު، ގަމުން ނުކުންނާނީ ކިނބިދުއާ ދެކޮޅަށެވެ. އިސްދުއާއި ތިމަރަފުށި މެޗު އެއްވަރުވެއްޖެ ނަމަވެސް އެދެޓީމަށް ގަދަ 16 ޔަގީންވާނެއެވެ. ގަމާއި ކިނބިދުއަށް އޮތީ މިހާރު ފައިދާ ގޯލްގެ ފަރަގު ބޮޑުކޮށް، މޮޅުވުމެވެ.
ރޭ ގަން ކޮޅަށް އިސްދޫގެ ގޯލްތައް ޖެހީ އަލީ ހުމޭޒާއި އަހުމަދު އަފްސަމްއެވެ. ގަމުގެ ގޯލް ޖެހީ އަހުމަދު ހަލީމް (އަންމަޑޭ) އެވެ.
ތިމަރަފުށިން ކުޅުނު މެޗުގައި އެޓީމުގެ ގޯލްތައް ޖެހީ އިސްމާއީލް މުނީޒް (ޓްރީ) އާއި އަބްދުﷲ ޒިޔާނެވެ. އަނެއް ގޯލަކީ އިބްރާހީމް އިމްރާހް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މިއަދާއި މިރޭ ހަވީރު އޮންނަ ޒޯން ބުރުގެ މެޗުތައް
16:00 ހދ. ނޮޅިވަރަންފަރު - ހދ. ނައިވާދޫ (ޒޯން 1)
16:00 ހއ. ކެލާ - ހއ. މާރަންދޫ (ޒޯން 1)
17:00 އއ. މަތިވެރި - އދ. އޮމަދޫ (ޒޯން 4)
17:00 އދ. މަހިބަދޫ - ވ. ކެޔޮދޫ (ޒޯން 4)
20:00 ނ. މާޅެންދޫ - ށ. ފޯކައިދޫ (ޒޯން 2)
20:00 ރ. ދުވާފަރު - ށ. ކަނޑިތީމު (ޒޯން 2)
22:00 ގދ. ވާދޫ - ޏ. ދަޑިމަގު (ޒޯން 7)
22:00 ގދ. ކަނޑުހުޅުދޫ - ސ. ހިތަދޫ (ޒޯން 7)
23:00 ސ. މަރަދޫ - ގދ. ހޯޑެއްދޫ (ޒޯން 7)
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގއ. ކަނޑުހުޅުދޫ
އައިޝާ - 5 މަސް ކުރިން