ސިޔާސީ ޕާޓީތަކުގެ ތެރެއިން އަދިވެސް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ) އޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހިސާބުތަކުން ދައްކައިފިއެވެ.

އީސީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޕީއެންސީގެ މެންބަރުންގެ އަދަދަކީ 68،665 އެވެ.

ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއެވެ. އެ ޕާޓީގައި ތިބީ 43،765 މެންބަރުންނެވެ. އެހެންކަމުން ޕީއެންސީ އާއި އެމްޑީޕީއާ ދެމެދު އޮތީ 24،900 މެންބަރުންގެ ފަރަގެކެވެ.

ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 13،456 މެންބަރުން ތިބި އިރު، ދެން ހިމެނެނީ 10،000 މެންބަރުން ހަމަނުވާ ޕާޓީތަކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް 3،000 މެންބަރުން ހަމަވެއެވެ. އެ އަދަދަށް މެންބަރުން ހަމަނުވާ ހަމައެކަނި ޕާޓީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އިސްކޮށް ހުންނަވައި އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުތައް:

  • ޕީއެންސީ - 68،665
  • އެމްޑީޕީ - 43،765
  • ޖޭޕީ - 13،456
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 9،011
  • އަދާލަތު ޕާޓީ (އޭޕީ) - 8،844
  • މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) - 5،836
  • ދަ ޑިމޮކްރެޓްސް - 3،547
  • ޕީއެންއެފް - 3،046
  • އެމްޓީޑީ - 2،272

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ ގަވާއިދަށް އީސީން ދާދިފަހުން ވަނީ ބަދަލު ގެނެސްފައެވެ. އެހެންކަމުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދުމަށް ފޯމު ހުށަހަޅަން ޖެހެނީ އީސީގެ އޮންލައިން ޕޯޓަލް، "ސިމެދަ" މެދުވެރިކޮށް، އީފާސް ބޭނުންކޮށްގެންނެވެ.