ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ހއ. އަތޮޅުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް ވަށަފަރާއި ކެލައަށް ޔަގީންވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ހއ. އަތޮޅުގެ ހަތަރު މެޗެއް ކުޅެފައެވެ. އެއަތޮޅުން 10 ޓީމު ދެ ގްރޫޕެއްގައި ވާދަކުރަމުން އަންނައިރު، ގްރޫޕް އޭގައި ރޭ ކެލާއިން ހޯރަފުއްޓާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އަދި ފިއްލަދޫން ވަނީ 4-2 އިން ބާރަށް ބަލިކޮށް، އުންމީދު އާކޮށްފައެވެ.

ކެލާއިން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް މަމްދޫހު އަބްދުލް ގާދިރު ޖަހައިދިން އިރު، ހޯރަފުށީގެ ގޯލުތައް ޖެހީ އަބްދުﷲ ޔާމީނާއި އަލީ އިމްރާން މުހައްމަދެވެ.

ފިއްލަދޫގެ ގޯލުތައް ޖެހީ މުހައްމަދު ހުސާމާއި އަދްނާން ރިލުވާން، އިބްރާހީމް ފަޒީލް އަދި އާދަމް އިކުވާނެވެ. ބާރަށުގެ ގޯލުތައް ޖެހީ އަބްދުﷲ މިސްބާހާއި އަހުމަދު ޝަޒީމެވެ.

ގްރޫޕް އޭއިން ކެލައަށް ހަނިގޮތަކުން ސެމީ ޔަގީންވީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާރަންދޫ ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު. އެ ގްރޫޕްގައި ދެން ބާކީ އޮތީ ދެމެޗެވެ. އެއީ މާރަންދުއާއި ފިއްލަދޫ ވާދަކުރާ މެޗުގެ އިތުރުން ބާރަށާއި ކެލާ ވާދަކުރާ މެޗެވެ.

މާރަންދުއާއި ފިއްލަދުއަށް އަމިއްލަ ބާރުގައި ސެމީގެ ފުރުސަތު އޮތް އިރު، އެ ދެޓީމު ކުޅޭ މެޗަކީ ނަތީޖާ ކަނޑައަޅާ މެޗެވެ. އެމެޗު އެއްވަރު ވެއްޖެނަމަ ކެލައާއެކު ސެމީއަށް ދާނީ މާރަންދުއެވެ. ފިއްލަދޫ ސެމީއަށް ދާނީ މޮޅުވެގެންނެވެ. ބާރަށާއި ހޯރަފުއްޓަށް ދެން ސެމީގެ ފުރުސަތެއް ނޯންނާނެއެވެ.

އެ އަތޮޅު ގްރޫޕް ބީގައި ރޭ ކުޅުނު މެޗުތަކުގައި ވަށަފަރުން ނުކުޅުނު ނަމަވެސް، ނަތީޖަތައް ނުކުތް ގޮތުން އެޓީމަށް ސެމީ ޔަގީންވިއެވެ. އެ ގްރޫޕުގައި ރޭ އެންމެ ފާހަގަކޮށްލެވުނީ އުތީމުން 5-0 އިން މުރައިދޫ ބަލިކުރުމެވެ.

ރޭގެ މެޗަށް އުތީމުން ނުކުތީ އޭގެ ކުރިން މެޗުގައި ރަތް ކާޑު ދެއްކި މުހައްމަދު މަޒީނާއި ރިޝްވާން އިބްރާހީމް ރަޝީދު މޫސާ ނުލައެވެ. އޭގެ އިތުރުން އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު އައިހަމްވެސް ރޭ ކުޅެފައެއް ނުވެއެވެ.

މުހިއްމު ކުޅުންތެރިންނާ ނުލާވެސް އުތީމުން ވަރުގަދަ ފޯމެއްގައި ކުޅެ މޮޅުވި އިރު، ގޯލުތައް ޖެހީ މުހައްމަދު އައިލަމް އަބްދުﷲ އާއި މުހައްމަދު ސާމިލެވެ. މެޗުގެ ދެވަނަ ހާފުގައި މުރައިދޫގެ ކެޕްޓަން އަހުމަދު ނައުފަލަށް ރަތް ކާޑުވެސް ދެއްކި އިރު، އެޓީމަށް ލިބުނު ޕެނަލްޓީގައި އައިރޫން އަހުމަދު ރަޝީދު ފޮނުވާލި ބޯޅަ، އުތީމުގެ ގޯލްކީޕަރު އަހުމަދު މަމްނޫން ވަނީ މަތަކޮށްފައެވެ.

ދެން އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ދިއްދޫން ވަނީ އިހަވަންދޫ 6-1 އިން ބަލިކޮށްފައެވެ. ދިއްދޫދޫގެ ހުސައިން ޝިފާހާއި މުހައްމަދު ޝަނާއު ނަސީރު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، ދެން އެޓީމުގެ ގޯލުތައް ޖެހީ ހައިސަމް ރަޝީދު (ހައި) އާއި ފާއިގު އަހުމަދެވެ. އިހަވަންދޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހީމް ހޫދު އައްބާސެވެ.

ގްރޫޕް ބީގެ އެއްވަނައިގައި މިވަގުތު ވަށަފަރު އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދިއްދޫން ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، އެޓީމަށް އޮތީ އެންމެފަހު މެޗުގައި އުތީމު ކައިރިން ބަލި ނުވުމެވެ. އުތީމުން ރޭ ހޯދި މޮޅާއެކު ތިން މެޗުން ފަސް ޕޮއިންޓާއެކު ތިންވަނައިގައި އޮތް ނަމަވެސް، ފަހު މެޗުގައި ދިއްދޫ ބަލިކޮށް ސެމީއަށް ދެވިދާނެއެވެ.

ހަތަރުވަނައިގައި އޮތް މުރައިދޫގެ އިތުރުން އިހަވަންދޫ އޮތީ މިހާރު ކަޓައިފައެވެ. އިހަވަންދުއަށް ދެން އޮތް މެޗަކީ ވަށަފަރާ ދެކޮޅަށް އޮތް މެޗެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ތ. ތިމަރަފުށި - ތ. ވިލުފުށި

ގްރައުންޑް 2: ތ. ދިޔަމިގިލި - ތ. އޮމަދޫ

17:00

ގްރައުންޑް 1: ތ. ކަނޑޫދޫ - ތ. ހިރިލަންދޫ

ގްރައުންޑް 2: ތ. ގާދިއްފުށި - ތ. ވޭމަންޑޫ

20:00

ގްރައުންޑް 1: ގއ. ދާންދޫ - ގއ. ގެމަނަފުށި

ގްރައުންޑް 2: ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ

21:00

ގްރައުންޑް 1: ގއ. ކޮލަމާފުށި - ގއ. ވިލިނގިލި

ގްރައުންޑް 2: ގއ. ދެއްވަދޫ - ގއ. މާމެންދޫ

22:00

ގްރައުންޑް 1: ރ. ރަސްގަތީމު - ރ. މަޑުއްވަރި

ގްރައުންޑް 2: ރ. ދުވާފަރު - ރ. މީދޫ

23:00

ގްރައުންޑް 1: ލ. ގަން - ލ. މާބައިދޫ

ގްރައުންޑް 2: ލ. ކަލައިދޫ - ލ. އިސްދޫ