މަގުތަކުގައި ގިނަ ދުވަސްވާންދެން ބަހައްޓާފައި ހުރި 108 އެއްގަމު އުޅަނދު މާލެ ސިޓީ ކައުންސިލުން ނަގައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ، މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް، އެތަންތަނުން ނެގުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ ހަފުތާގައި މާލެއިންނާއި ހުޅުމާލެއިން 52 އުޅަނދު ނެގި ކަމަށެވެ.
"އެ މަސައްކަތުގެތެރެއިން މިހާތަނަށް ޖުމުލަ 108 އުޅަނދު ވަނީ ނަގާއިފައި،"ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގެ ތޮންޖެހުން ހައްލުކުރުމަށް ބާ އެއްގަމު އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމެއް ފެށީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލެ ސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ހައުސިން މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފެށި އެ ޕްރޮގްރާމުގެ ބޭނުމަކީ މާލެ ސަރަހައްދުގައި ދުވަހުން ދުވަހަށް ގިނަވަމުންދާ އެއްގަމު އުޅަނދުތަކުގެ ސަބަބުން މަގުމަތި ބާރުބޮޑުވެފައި އޮތް އޮތުމަށް ހައްލު ގެނެސް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިމަހުގެ 17 ވަނަ ދުވަހު ބުނީ، ބާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން އެކަމާ ގުޅުން ހުރި އިދާރާތައް ހިމެނޭ ގޮތުން އާބަން ޓެރެފިކާ ގުޅުން ހުރި ކޮންޖެސްޝަން މެނޭޖްމަންޓް ކޮމެޓީއެއް އެކުލަވާލި ކަމަށެވެ. އެ ކޮމެޓީން ކުރުރާސްތާ އަދި ދުރުރާސްތާގައި ކުރެވިދާނެ ކަންކަން ކަނޑައަޅައި އެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށްވެސް ބުންޏެވެ.
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ، އުޅަނދެއްގެ ގޮތުގައި ނުބެލެވޭ ކުނީގެ ގޮތުގައި ބެލެވޭ ކުނި ނެގުން
- ވޮލަންޓިޔާކޮށް އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތައް ގާނޫނު ބުނާ ގޮތަށް ޓޯކޮށް ނައްތާލުން
- ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތައް މަގުމަތިން ނެގުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު