މާލެއަތޮޅު ފުށިދިއްގަރުފަޅު، ރަސްމާލެއިން ބޮޑު ބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށާއި އެ މަޝްރޫއު ހިންގުމާ ގުޅޭ އާންމު ވޯޓަކަށް ދިއުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ފަޅެއްގެ ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިނުމަށް ހިންގާ މުއާމަލާތާ މެދު އެ ޕާޓީން ކަންބޮޑުވެއެވެ.

ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރިއަށް ފުރުސަތު ހުޅުވާލުމަށް ތާއީދުކުރާ ކަމަށާއި ބޭރުގެ އިންވެސްޓަރުންނަކީ މުހިންމު ބައެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ނަމަވެސް، އީގަލް ހިލްސްއަށް ބިން ދިނުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން އޮތް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީގަލް ހިލްސް ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތާ ދިމާނުވާ އެތައް ކަމެއް ހުރިކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. އެ ޕާޓީން ބުނި ގޮތުގައި، ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހުމަކީ ނުރައްކާތެރިކަމުގެ ނިޝާނެކެވެ. އެހެންކަމުން، އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އުފުލަންޖެހޭ މާލީ އިލްތިޒާމުތައް ސާފުކޮށްދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

މީގެ އިތުރުން، ބޭރުގެ ފަރާތަށް ދީފައިވާ މާލީ ލުއިތަކާއި އިސްތިސްނާތަކުގެ ތަފްސީލާއި، އެ ކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް ރައްޔިތުންނަށް ސާފުވާނެހެން ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލައިފައެވެ. ރާއްޖެއަށް ފައިދާވާން އޮތް ކަމެއް ނަމަ އެ މައުލޫމާތުތައް ސިއްރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވޭތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްދިނުމަށްވެސް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އަދި މުސްތަގުބަލުގައި ބިދޭސީންނަށް ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެ ފަދަ ކަމެއް އެއްބަސްވުމުގައި ހިމެނޭތޯ ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

އެ ޕާޓީން ފާހަގަކުރި ގޮތުގައި، ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެއެވެ. ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާތީ، މިފަދަ މުއާމަލާތަކަށް ވަނުމުގެ ކުރިން އާންމު ވޯޓެއް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ރަސްމާލެ މަޝްރޫއުން 10 އަހަރު ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.