މާލެ ސިޓީ ކައުންސިލުގެ އިހްތިސޯސްގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކޮށް، އެ ތަންތަނުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ގެޒެޓުކޮށްފިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ބިންތައް ސަރުކާރުގެ ދަށަށް ގެންދަން ނިންމީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ އިމުގެ ތެރެއިންން ކަމަށެވެ.

މިނިސްޓްރީން ބުނީ އެ 14 ބިން ސަރުކާރުގެ ދަށަށް ބަދަލުކުރުމަށް ނިންމީ މާލެއާއި ވިލިމާލޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް އަވަސް ކުރުމަށާއި، އަސާސީ އިންފްރާސްޓްރަކްޗާ ވަސީލަތްތައް ގާއިމުކޮށް، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމަށެވެ.

ގެޒެޓުކޮށްފައިވާ ޕްލޭނުގައިވާ ގޮތުން، އެ ބިންތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:

  • ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދު: ޒަމާނީ އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ގާއިމުކުރުން.
  • މަސް މާރުކޭޓު: އޮފީސްތަކާއި ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުއްޔަށްދޭ ޒަމާނީ އާ އިމާރާތެއް އެޅުން.
  • ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު: ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއަކަށް ބަދަލުކުރުމާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި މިކްސް-ޔޫސްޑް ކޮމާޝަލް ތަރައްގީގެ މަޝްރޫއެއް ހިންގުން.
  • ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން: ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރަކާއި އެކުދިންގެ އެކި ހަރަކާތްތައް ހިންގާ މަރުކަޒެއް ގާއިމުކުރުން.
  • ދަތުރުފަތުރާއި ޕާކިން ވަސީލަތްތައް: ބޮނޑިބަތް ޕާކުގައި ވިޔަފާރި ބައިތަކާއެކު ޒަމާނީ ޕާކިން އިމާރާތެއް އެޅުމާއި، ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ހުރި ބިމުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ފެސިލިޓީއެއް ގާއިމުކުރުން.
  • ހިތްފަސޭހަ މައިޒާންތައް ބެލެހެއްޓުން: އާޓިފިޝަލް ބީޗު ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި އިތުރަށް ފުރިހަމަކުރުމާއި، ރަސްފަންނު ހިންގުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުން.
  • ކައުންސިލް އެކަމަޑޭޝަން އަދި ކާނިވާ ސަރަހައްދު: ސިޓީ ކައުންސިލް އެކަމަޑޭޝަން ބިމުގައި ލޭބާ އެކަމަޑޭޝަނާއި ސްޓޯރޭޖް ފެސިލިޓީއެއް ހެދުމާއި، ކާނިވާ ކެފޭ ޕާކިން އޭރިއާ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށް ތަރައްގީކުރުން.
  • އެހެނިހެން ހިދުމަތްތައް: ތައިސޭކޮށީގެ ހުސްބިންތައް މަޝްރޫއުތަކުގެ ވޯކް ސައިޓެއްގެ ގޮތުގައި ބޭނުންކުރުމާއި، ޕޭ ޓޮއިލެޓް 2 ހުރި ތަނުގައި ޕަބްލިކް ފާހަނާއާއި އެއާ ގުޅޭ ވަސީލަތްތައް ގާއިމުކުރުން. އަދި މަސްވެރިންގެ މައިޒާން މިހާރުވެސް އޮތް ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައި ދެމެހެއްޓުން.

މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ މާލޭގައި ފައިދާއެއް ނެތި ހުސްކޮށް އޮތް ބިންތައް ރައްޔިތުންގެ ލާބައާއި މަންފާއަށް އެންމެ އެކަށޭނަ ގޮތުގައި ބޭނުންހިފޭނެ މަގު ތަނަވަސްކުރުން ކަމަށެވެ.

މީގެއިތުރުން، އާންމުން ދަތުރުގޮސް ހިތްފަސޭހަކޮށްލަން ބޭނުންކުރާ ޕާކުތަކާއި މައިޒާންތަކުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި އުސޫލަކުން އެތަންތަން ބެލެހެއްޓުމަކީވެސް އެ ނިންމުމުގެ ބޭނުމެއްކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ހިޔާލެއް، މަޝްވަރާއެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ޝަކުވާއެއް ލިޔުމުން މިނިސްޓްރީން ހުށަހަޅަންވާނެކަމަށް މިނިސްޓްރީން ބުންޏެވެ.