މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގައި ރޭ ހޯދި މޮޅާއެކު ބ. އޭދަފުށި، ކ. ގާފަރުގެ އިތުރުން ދ. ކުޑަހުވަދޫންވެސް ގަދަ 16 ޔަގީން ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން ހަތަރެއްގެ ދެމެޗާއި ޒޯން ފަހެއްގެ ދެމެޗުގެ އިތުރުން ޒޯން ތިނެއްގެ ދެމެޗު އަދި ޒޯން އަށެއްގެ ދެމެޗެވެ.
ރޭ ތިން ޓީމަކަށް ގަދަ 16 ޔަގީންވެފައިވާ އިރު، ގާފަރާއި އޭދަފުށިން ގަދަ 16 ޔަގީންކުރީ ޒޯން ތިނެއްގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ. ރޭ ގާފަރުން އެއަތޮޅުގެ ރަނަރަޕް ކާށިދޫ ބަލިކުރި އިރު، ގާފަރުން އެ މެޗު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ގާފަރުގެ ހަތަރު ގޯލުވެސް ޖަހައިދިނީ އިބްރާހީމް ރިމާހް (ރިމޭ) އެވެ.
އޭދަފުށިން ޅ. ކުރެންދޫ ކައިރިން 3-0 އިން ރޭ މޮޅުވި އިރު، ގޯލުތައް ޖެހީ އިޝާން އިބްރާހީމް (ސައްޓު) އާއި އަހުމަދު ޖައުސާން އަބްދުﷲ އަދި މުހައްމަދު ފާސިރެވެ.
ކުޑަހުވަދޫން ޒޯން ފަހެއްގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައިވާ އިރު، ރޭ އެޓީމުން ވަނީ ފޯމުގައި އޮތް ބިލެތްދޫ ބަލިކޮށްފައެވެ. 2-0 އިން ކުޑަހުވަދޫން ރޭ ބިލެތްދޫ ބަލިކުރި އިރު، މެޗުގައި ކުޑަހުވަދޫގެ ދެ ގޯލުވެސް ޖެހީ ޖުމައިލް ޖަމީލެވެ.
އެ ޒޯނުގެ ފައިނަލްގެ ދެވަނަ ޖާގައަށް މުލަކުންވެސް އުންމީދެއް ހޯދި އިރު، ރޭ އެޓީމުން ވަނީ ނާލާފުށި ކައިރިން 4-3 އިން މޮޅުވެފައެވެ. މެޗުގައި މުލަކުގެ އާދަމް ޝަހީމް (އާނާ) ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖެހީ ޒާހިދު އިބްރާހީމާއި އިމްޖާދު މުހައްމަދެވެ. ނާލާފުށީގެ ގޯލުތައް ޖެހީ އަލީ އަޒުމީލާއީ ޔޫސުފް ޒަޔާން އަދި ސަފްރާޒް އަބްދުއް ސައްތާރެވެ.
ޒޯން ހަތަރެއްގެ ދެމެޗު ރޭވެސް ކުޅެފައިވާ އިރު، ވ.ކެޔޮދޫން ވަނީ އދ އަތޮޅުގެ ޗެމްޕިއަން މަހިބަދޫއާ އެއްވަރުކޮށް، މުހިއްމު ޕޮއިންޓެއް ހޯދާފައެވެ. މެޗުގައި ކެޔޮދޫގެ ގޯލު، އިބްރާހީމް ފުއާދު ޖެހި އިރު، މަހިބަދޫގެ ހަމައެކަނި ގޯލު ޖެހީ އާދަމް ނާއިލެވެ.
އެ ޒޯނުގެ އެއްވަނަ މަގާމަށް އދ. މާމިގިލި ހަތަރު ޕޮއިންޓާއެކު ޖެހިލި އިރު، ރޭ އެޓީމުން މޮޅުވީ އއ. މަތިވެރި ކައިރިންނެވެ. 3-0 އިން މާމިގިލި ރޭގެ މެޗު ކާމިޔާބުކުރި އިރު، އެޓީމުގެ ހިސާމް ސަލީމް (ކޮކީ) ވަނީ ދެ ގޯލު ޖަހައިދީފައެވެ. އޭނާގެ އިތުރުން ދެން ގޯލު ޖެހީ މޫސާ ހަސަންފުޅެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް