ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ މެޗުތައް ރޭ ރަސްމީކޮށް ފެށި އިރު، ހއ. އަތޮޅު އަތޮޅު ބުރުގައި މާރަންދުއާއި އިހަވަންދޫގެ އިތުރުން އުތީމާއި ހޯރަފުށިން ފެށުން ރަނގަޅުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ރޭ ފެށި އިރު، މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އިރު، އަތޮޅު ޗެމްޕިއަންކަން ޔަގީންކުރާނީ ސެމީ ފައިނަލްގެ ދެމެޗަށްފަހު ފައިނަލް މެޗެއް ކުޅެގެންނެވެ.

ރޭ ފުރަތަމަ ކުޅުނު މެޗުތަކުގެ ތެރެއިން ހއ އަތޮޅު އެއްވަނަ ގްރޫޕުގައި މާރަންދޫން 3-0 އިން ފިއްލަދޫ ބަލިކުރި އިރު، އިހަވަންދޫން ވަނީ 5-1 އިން މުރައިދޫ ބަލިކޮށްފައެވެ. މާރަންދޫން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އާދަމްއާއި މުހައްމަދު ތަހްސީން އަދި އަހުމަދު މުހައްމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ މާރަންދޫގެ ހަމްދޫން އަބްދުލް ލަތީފެވެ.

އިހަވަންދޫން މުރައިދޫ ބަލިކުރި މެޗުގައި އިހަވަންދޫގެ އިބްރާހީމް ހާމިދު ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އޭގެ އިތުރުން އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ޝާމިލާއި އަހުމަދު ސާޖިދެވެ، އަނެއް ގޯލަކީ މުރައިދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މުރައިދޫގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ މުހައްމަދު ޝަހުލީން އަލީއެވެ.

ހއ އަތޮޅު ބުރުގެ ދެވަނަ ގްރޫޕްގައި ރޭ ކެލައާއި ބާރަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި ކެލާގެ ގޯލު ޖެހީ އަބްދުﷲ އިހުސާނެވެ. ބާރަށުގެ ގޯލު ޖެހީ އަބްދުﷲ ފައިޒާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބާރަށުގެ ހަސަން ސޮލާހެވެ.

އެ ގްރޫޕްގައި ރޭ އުތިމުން ތުރާކުނު ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އުތީމުގެ ގޯލުތައް މުހައްމަދު ރިފާއުއާއި މުހައްމަދު ނަބީލް އަދި ތަހާ މުހައްމަދު ޖެހި އިރު، މޮޅު ކުޅުންތެރިޔަކަށް ހޮވުނު ނަބީލް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ތުރާކުނުން ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު ސިރާޖެވެ.

ހއ އަތޮޅު ގްރޫޕް ތިނެއްގައި ރޭ ވިދާލީ ހޯރަފުށީގެ ގައުމީ ޓީމުގެ ތަރި، އަބްދުﷲ ޔާމީނާއި ވަށަފަރު ސާޖިދު ރަޝީދެވެ. ޔާމީން ވަނީ ހޯރަފުށިން ތަކަންދޫ 6-2 އިން ބަލިކުރި މެޗުގައި ހެޓްރިކް ހަދައިފައެވެ. ޔާމިންގެ އިތުރުން ރޭގެ މެޗުގައި ހޯރަފުއްޓަށް ގޯލު ޖަހައިދިނީ އާދަމް މާހިލް، އަހުމަދު ޒުހާން އަބްދުލް ސައްތާރު އަދި އަލީ އިމްރާން މުހައްމަދެވެ.

ތަކަންދޫގެ އެއް ގޯލަކީ ހޯރަފުށީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ ޖާދުﷲ އަހުމަދެވެ.

އެ ގްރޫޕްގައި ރޭ ވަށަފަރުން ދިއްދޫ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ވަށަފަރުގެ ސާޖިދު ރަޝީދު މެޗުގައި ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަލީ ޔަޒްދާން ރަޝީދެވެ. ދިއްދޫގެ ހަމައެކަނި ގޯލު ޖެހީ ފާއިގު އަހުމަދެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.