ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މުހައްމަދު ނަޝީދު ހުންނެވިއިރު އެ މަނިކުފާނު މަގާމުން ވަކިކުރެއްވުމަށް މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 49 މެންބަރަކު ސޮއިކުރައްވައި، މަޖިލީޖަށް ގަރާރެއް ހުށަހެޅިއެވެ. ގަރާރުގައި ސޮއިކުރެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނެވެ. މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ވަނީ، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ އިޖުރާއުތައް ބަޔާންކޮށްފައެވެ. މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާ މައްސަލައެއްގެ ގަރާރު މަޖިލީހަށް ލިބޭތާ ރަސްމީ ތިން ދުވަހުގެ ތެރޭގައި، އެ ގަރާރުގެ ނޯޓިސް މަޖިލީހުގެ އަމީންއާންމު، މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ގަވާއިދުގައިވާ ގޮތުން އެ ހުރިހާ އިޖުރާއުތަކެއް އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަކުރަން ޖެހެއެވެ.
އިޖުރާއުތައް ފުރިހަމަކުރުމުގެ ގޮތުން ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ މަޖިލީހުގައި އެޖެންޑާކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ރިޔާސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ނައިބު ރައީސެވެ. ނަމަވެސް އީވާ ވަނީ އެ ދުވަހު ސިއްހީ ހާލަތު މަޖިލީހަށް ހާޒިރުވުމަށް ތަންނުދެއްވާ ކަމަށް ވިދާޅުވެ، ސަލާމް ފޮނުއްވައިފައެވެ. އަމީންއާންމަށް ފޮނުވި ސިޓީގައި އީވާ ވިދާޅުވެފައިވަނީ ޑެންގީއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންވެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އެ ދުވަހު ނިންމެވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ހުށަހަޅަން ޖެހޭ ގަރާރެއްކަމަށްވާތީ، ޖެހިގެން އަންނަ ދުވަހުގެ (30 އޮކްޓޫބަރު) ގައި މަޖިލީހުގެ ޖަލްސާއަށް ނަޝީދުގެ މަގާމުން ވަކިކުރުމާ ގުޅޭ ގަރާރު އަލުން އެޖެންޑާކުރައްވައި، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސަށް އެންގެވުމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގެ ވެސް އެޖެންޑާއެއް އޮންނަން ވާނެ ކަމަށެވެ. އަދި އެ އެޖެންޑާއަށް މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެމްބަރުން އިހުތިރާމް ކުރަންވާނެ ކަމަށެވެ. މަޖިލީހުގެ އެޖެންޑާ ކަނޑައަޅާނީ މަޖިލީހުގެ ރައީސް ކަމަށް އެ މާއްދާގެ (ހ) ގައި ވަނީ ބަޔާންކޮށްފައެވެ. އެޖެންޑާ ކަނޑައެޅުމަށްފަހު ހާއްސަ ހާލަތެއްގައި ފިޔަވައި ނޫނީ އެޖެންޑާ ހަ ގަޑިއިރުގެ ތެރޭގައި އާންމުކުރަންވާނެ ކަމަށެވެ. މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދުގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ، ނައިބު ރައީސެވެ. ނަމަވެސް އެއްވެސް ސަބަބަކާ ހުރެ އެއިން ބޭފުޅަކު ހާޒިރުވެވަޑައިނުގެންފިނަމަ ދެން ހަދަން ޖެހޭނެ ގޮތެއް އެއިން އެއްވެސް އެއްޗަކު ބަޔާންކޮށްފައެއް ނުވެއެވެ.
އެހެންވެ އެކަމަށް ފަރުވާއެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްޓަކައ،ި އެޖެންޑާ ކުރެވުނު ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބުރައީސަށް ކަމުގައި އަމީންއާންމު ނިންމެވީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސް ހާޒިރު ނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައ،ި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމުގައި ކަނޑައަޅައިދިނުމަށް އެދިފައެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ ގާނުނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރަކު، މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، އޭނާގެ ރައުޔުގައި ވިދާޅުވީ "މި މައްސަލައިގައި އަހުރެންގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއް މަޖިލީހުގެ ނައިބު ރައީސަށް ކުރިމަތިވެއްޖެ ނަމަ ދެންހަދާނީ ކިހިނަކުން ކަމާމެދު ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ. އެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅި ތަރުތީބު ކުރެވިފައިވާ މެންބަރުންގެ ތެރެއިން މެންބަރަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ހެއްޔެވެ؟ ނުވަތަ މަޖިލީހުގެ ނައިބުރައީސަށް ކުރިމަތިވި ހާލަތު ފިލައިދާންދެން މަޖިލީހުގެ މަސައްކަތް ހުއްޓާލައި އިންތިޒާރު ކުރާނީ ހެއްޔެވެ؟" ކަމަށެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ އެ ސުވާލަށް ހައްލެއް ލިބިގެންދާނ،ީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލިބެން އޮތް ހަމައެކަނި ހައްލަކ،ީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން އެ މާއްދާގައިވާ ތަރުތީބުން ރިޔާސަތު ބަލަހައްޓަން ޖެހޭ މެންބަރު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުން ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ ޒިންމާއަކީ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައެޅުމެވެ. ފަނޑިޔާރު މަހާޒް، އޭނާގެ ރައުޔުގައި ވެސް ފާހަގަ ކުރެއްވީ އެކަމެވެ. "އެ މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް އައްޔަންވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ދައުރެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންވެފައި ނުވާކަން ސާފުކޮށް އެނގެއެވެ" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅޭ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ވަކި ހާއްސަ ޖަލްސާއެއް އެ އަކުރުގައި ބަޔާންވެފައި ނުވާކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅުންހުރި މައްސަލައެއްގެ ރިޔާސަތު އެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ބެލެހެއްޓޭނެ ކަމަށް މަހާޒްގެ ރައުޔުގައި ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މައްސަލަތައް އެޖެންޑާ ކުރުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތަކެވެ. މަޖިލިސް ރައީސް އާއި މަޖިލިސް ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަކީ ވެސް މަޖިލިސް ރައީސްގެ މަސްއޫލިއްޔަތަކެވެ. ފަނޑިޔާރު މަހާޒުގެ އެ ރައުޔުގައިވާ ގޮތުން އެ ބުނާ ފަސް މެންބަރުން ކަނޑައެޅުމުގެ ޒިންމާ މިހާރު ހަވާލުވެފައިވަނީ އަމީން އާންމަށެވެ. އޮންނަ އިޖުރާއަތުގެ ތެރެއިން އެ މެންބަރުން ކަނޑައަޅައި މައްސަލަތައް އެޖެންޑާ ކުރުމުގެ ބާރު މިހާރު ލިބިގެން ވަނީ އަމީން އާންމަށެވެ.
އެކަމުގެ ނުރުހުން މަޖިލިސްގެ ތެރެެއިން އަމީންއާންމަށް ވަނީ ކުރިމަތިވެފައެވެ. އެ ގޮތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ، އޭނާ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނިކޮށް އެހެން ބޭފުޅަކާ މަޖިލީހުގެ ރިޔާސަތު ހަވާލުކޮށްފިނަމަ، އަމީންއާންމު ގާނޫނުއަސާސީ އަދި ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވާނެކަން އަންގައި އިންޒާރުދެއްވައިފައެވެ. އީވާ ރިޔާސަތުގައި އިންނެވިއިރު އެމްޑީޕީން ވަނީ އީވާގެ އިތުބާރު ނެތްކަމަށް ގަރާރެއް ހުށަހަޅައިފައެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވާތީ، ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ވާނީ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ.
އީވާގެ ނުރުހުން، އަމީން އާންމަށް އަމާޒުވީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދިޔުމަށް 11:00 އަށް މައްސަލަ އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދިއުމަށް އީވާއަށް ފުރުސަތު ނުދެއްވުމާ ގުޅިގެންނެވެ. އެއިރު އަމީންއާންމު ގެންދެވީ އީވާއާއެކު ވާހަކަ ދައްކަވައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންވެ. ނަމަވެސް އީވާ ވަނީ ރިޔާސަތު ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހައްދަވައި، ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަނުދީ ހިފަހައްޓަވަމުންނެވެ.
އަމީންއާންމަށް އަމާޒުކުރައްވައި އީވާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން 44 ވަނަ މާއްދާގެ ބޭނުން ހިފައިގެން އަމީންއާންމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން އެހެން މެންބަރަކާ ހަވާލު ކުރެއްވޭނީ ނައިބު ރައީސް އުޒުރުވެރިވާ ހާލަތެއްގައި އެކަނި ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ މަސްލަހަތު ހިމެނޭ ބޭފުޅަކަށް ވެސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައައެއްގައި ރިޔާސަތެއް ނުބެލެހެއްޓޭނެ އެވެ. އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށް އަމީންއާންމު އެންގެވީ ވެސް ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތް ކުރައްވައެވެ.
މިހާރު އެކަން ސާފެވެ. ސުޕްރީމް ކޯޓުން އެ ވަނީ އަމީން އާންމަށް އޮތް ޒިންމާއެއް، މަސްއޫލިއްޔަތެއްގެ ބާރު ސާފުކޮށްދެއްވައިފައެވެ. މި ފަދަ މައްސަލަ ތަކުގައި، އެޖެންޑާ ކުރިޔަށް ގެންދެވޭނެ ގޮތާ މެދު އޮތް ހިލާފު ނައްތައިލަދީފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް