ރައްޔިތުން ފަސް އަހަރަށް ވެރިއަކު އިންތިހާބު ކޮށްފައި ވަނިކޮށް، ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫނާހިލާފު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 30 ވަނަ ދުވަހު ނިޒާމެއް ވޯޓެއް ނެގުމަށް ގަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަންސް (އީސީ)އަށް ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބީ ރައީސް އަދި ނައިބު ރައީސް، މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް ވޯޓެއް ނެގުމަކީ ގާނޫނީއަސާސީގެ ރޫހާ ހިލާފު އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި އަމަލުކުރާ ގޮތެއް ނޫން ކަމަށެވެ. އަދި އެގޮތަކީ ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރު ހުރި ފަރާތްތަކުން ގާނޫނުއަސާސީއާއި ގާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑު ކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނޭ ކަމެއް ނޫނެވެ. އަދި ކޮށްގެންވާނެ ކަމެއްވެސް ނުމެ ނޫނެވެ." ގާސިމް ވިދާޅުވިއެވެ.
އަމިއްލަ ފައިދާއަކަށް ނިޒާމީ ވޯޓެއް ނެގުމަކީ ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން އުފެދިގެންދާނީ ފިތުނައާއި ފާސަދައިގެ އަލިފާނުގެ ހުޅުގަނޑު ކަމަށެވެ. އަދި ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތްކޮށް، ގައުމު ކުރިއަށް ގެންދެވޭނީ ގައުމުގައި ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ
ގާސިމު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކުން ފައިދާ ލިބިގެންދާނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މަދު ވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތުގެ އިތުރުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް އައްޔަންކުރެވޭ މެންބަރުންގެ އިތުރުން ސަރުކާރު ހިންގުމަށް ހަވާލުކުރާ ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
"ކަން މިހެން އޮތުމާއެކު މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލްކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މި އުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫންކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު