ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 86.77 ޕަސަންޓު މީހުން ވަނީ ވޯޓު ލާފައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައިވަނީ 75 ޕަސަންޓު މީހުންނެވެ.
ފުއާދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 245,390 މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ 86.77 ޕަސަންޓު މީހުން ކަމަށެވެ. އެއީ 221،496 ވޯޓެވެ.
ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ، 111،273 އަންހެނުންނާއި، 110،223 ފިރިހެނުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އެހެންކަމުން މިހާރު ވޯޓު ނުލައި ތިބި މީހުންގެ އަދަދަކީ 61،308 އެވެ. އެއީ 21.68 ޕަސެންޓެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 39.05 ޕަސަންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސެންޓް މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ.
މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،804 އެވެ. އެއީ 138.394 އަންހެނުންނާއި، 144،410 ފިރިހެނުންނެވެ. އޭގެ ތެރޭގައި ފުރަތަމަ ބުރަށްވުރެން އިތުރަށް 18 އަހަރުފުރޭ 408 ޒުވާނުން ހިމެނެއެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.
ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.