ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއްގައި ފޮނަދޫގައި ވޯޓުލުން ހުއްޓުވައިފިއެވެ.
ފޮނަދޫގައި ހުރި "ވަން"ގެ ނޫސްވެރިޔާ މުހައްމަދު ޝަމްއޫން ބުނީ، ވޯޓުލާން ދިޔަ މީހަކަށް ދޫކުރި ވޯޓު ކަރުދާހުގައި ރޮނގެއް ދަމާފައިވާ ކަމަށެވެ.
"ވަން" ލިބިފައިވާ އެ ވޯޓު ކަރުދާހުގެ ފޮޓޯއިން ފެންނަ ގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއާ ދިމާލަށް ހުންނަ ގޮޅީގައި ހުރީ ރޮނގުބުރިއެއް ދަމައިފައެވެ. އެ ރޮނގުބުރި ހުރީ ގޮޅީގެ އެއް ފަރާތުގައެވެ.
އެކަން ފާހަގަވުމުން މިހާރު ވަނީ ވޯޓުލުން ހުއްޓުވާފައިކަމަށް "ވަން"ގެ ނޫސްވެރިޔާ ބުންޏެވެ.
އެކަމާ ގުޅިގެން ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށިން ދޫކުރި ތިން ވޯޓު ކަރުދާސްކޮޅެއްގައި ކުރަހާފައިވާ ކަމަށާއި އެ ތިން ކަރުދާސްކޮޅު ދޫކޮށްފައިވަނީ މުއިއްޒަށް ވޯޓުލާން ދިޔަ މީހުންނަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަހެއް ހޯދުމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބަށް ގުޅުމުން ފޯނަށް ޖަވާބުދެއްވައިފައެއް ނުވެއެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވަނީ 65،600 އަށްވުރެ ގިނަ މީހުން ވޯޓު ލައިފައެވެ. އެއީ 38،309 ފިރިހެނުންނާއީ 27،291 އަންހެނުންނެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 39.05 ޕަސަންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސެންޓް މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ.
މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.
ދެވަނަ ބުރުގެ ވޯޓުލާ ގަޑި އީސީން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު