އިމްތިހާނާ ދިމާކޮށް މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް މާދަމާ ހެނދުނު އާންމު ދަތުރުފަތުރަށް ބަންދުކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، މިގޮތަށް ނިންމީ އައިޖީސީއެސްއީ އިނގިރޭސި ލިސްނިން އިމްތިހާނު މާދަމާ ކުރިއަށްދާތީއެވެ. އެގޮތުން، ހެނދުނު 9:15 އިން ފެށިގެން 10:30 އަށް އެ ސަރަހައްދުތަކުގެ މަގުތައް ބަންދުވާނެއެވެ.

އިމްތިހާނު ކުރިއަށްދާ ވަގުތު، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އަދި އެ ސަރަހައްދު ބޭނުންކުރާ މީހުން، އިމާރާތް ކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަރިވަރުންނަށް ދަތިވާނެ އެންމެހައި ކަންކަމުން ދުރުވުމަށް ވެސް އެދިފައިވެއެވެ.

މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.