ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ޖީއެންއީ ސްކީލަން ހުސެއިނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ބްލެކްލިސްޓް ކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

"އަދަދު" ނޫހުން އިއްޔެ ވަނީ ސްރީ ލަންކާގައި ދިރިއުޅުއްވާ މުއިއްޒުގެ ދޮންމަންމާފުޅުގެ އިންޓަވިއުއަކުން ތަހުގީގީ ވީޑިއޯ ރިޕޯޓެއް ހަދައި އާންމުކޮށްފައެވެ. އެ ވީޑިއޯގައި މުއިއްޒުގެ ދޮންމަންމާފުޅު ވަނީ މުއިއްޒުގެ ބައްޕާފުޅު ނިޔާވި ފަހުން ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހެއްދެވި ކަމަށް ވިދާޅުވެފައެވެ. އަދި މުއިއްޒުގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭ ކަމަށް ދޮންމަންމާފުޅު ވިދާޅުވެފައިވެއެވެ.

އިމިގްރޭޝަނުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސްކީލަންއަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެންޓްރީ ބްލޮކް ކޮށްފައިވާކަން އިމިގްރޭޝަންގެ ސަމާލުކަމަށް އައިސްފައިވަނީ ދާދި ފަހުން ކަމަށެވެ. އެ ވަގުތުން ފެށިގެން އެ ކަންހިނގާފައިވާ ގޮތް ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

"އަދަދު" ނޫހުގެ އެ ވީޑިއޯ ރިޕޯޓަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވަނީ މުއިއްޒުގެ ދޮންމަންމާފުޅަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހަދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.