ޚަބަރު

އެމްޑީއޭއަށް ޝުކުރު އަދާކުރައްވައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ ކަމަށް

މުހައްމަދު އިޝާން

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑިއޭ އިން، އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީއޭ އިން މިރޭ ވަނީ އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައިފައެވެ.

އެކަމާ ގުޅިގެން ފައްޔާޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެމްޑީއޭ އިން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ.

"އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ. ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑުވާ ނުލެވުނު އަޒުމު. ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް،" އެމްޑީއޭ ޓެގު ކުރައްވައި ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްޑީއޭ އިން މުއިއްޒަށް ތާއީދު ކުރަން ނިންމީ އެ ޕާޓީން މިރޭ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ.

ސިޔާމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެމްޑީއޭ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކަމާމެދު ތިން ހުށަހެޅުމެއް ބައްދަލުވުމެއް ހުށަހެޅި ކަމަށެވެ.

އެގޮތުން ފުރަތަމަ ހުށަހެޅީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ސިޔާމް ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެންމެ ދެ މެންބަރުންނެވެ. ދެވަނަ ހުށަހެޅުމަކީ ކައުންސިލް މެމްބަރު ޝުއައިބް އަލީ (ފުރަހަނި) ހުށަހެޅުއްވި ހުށަހެޅުމެކެވެ. އޭނާ ހުށަހެޅުއްވީ އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ދެމެހެއްޓުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށްވެސް ތާއީދުކުރެއްވީ ދެ މެންބަރުންނެވެ.

ތިންވަނަ ހުށަހެޅުމަކަށް، އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، މުއިއްޒަށް ތާއީދުކުރަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މައުރޫފުއެވެ. އެ ހުށަހެޅުއްވުން އެމްޑީއޭގެ ކައުންސިލުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ ތެރެއިން 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.