ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއެކު އެމްޑީޕީން ބަލި ގަބޫލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
އެމްޑީއޭއިން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގައި އެމްޑީޕީއާ އެކު ހަދައިފައިވާ ކޯލިޝަނުން ވަކިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރިއަށް ދިޔުމަށް ވަނީ ނިންމައިފައެވެ. އެގޮތަށް ހުށަހެޅުއްވީ އެމްޑީއޭގެ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފުއެވެ.
މުހައްމަދު އައްބާސްގެ އެ ހުށަހެޅުއްވުން އެމްޑީއޭގެ ކައުންސިލުން ފާސްވީ 33 މެމްބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވީ 36 މެމްބަރުންނެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް އެމްޑީއޭ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ މައުރޫފު ވިދާޅުވީ ރޭގެ ބައްދަލުވުމުގައި 97 ޕަސަންޓު ކައުންސިލް މެމްބަރުން ފާހަގަކޮށްފައި ވަނީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
"މިހާރު ރައްޔިތުން އޮތީ ގޮތެއް ނިންމާފައޭ، އެއީ ސަރުކާރުގައި އޮވެމެ، ސަރުކާރާ އެކީގަ ކޯލިޝަނެއް ހެދި އިދިކޮޅު ކެންޑިޑޭޓު 15،000 ވޯޓުގެ ތަފާތަކުން ކުރި ހޯދީމާ ދެން ރައްޔިތުން އާނބަސް ބުނީ ކަމަށް،" މައުރޫފު ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ ރާއްޖޭގައި ފުރޮޅެމުންދާ ސިޔާސީ މަންޒަރުތަކުން ފެންނަ ގޮތުން، އިތުރު އެއްވެސް ސިޔާސީ ޕާޓީއަކުން ރައީސް ސޯލިހަށް ތާއީދުކޮށް، ކޯލިޝަން ހެދުމަށް އެއްބަސްވެފައިނުވުން ފެންނަނީ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެއްވުމަށް އޮތް ހުރަހެއްގެ ގޮތުގައި ކަމަށް މައުރޫފު ވިދާޅުވިއެވެ.
"ހަމަ އެއާއެކީގައި ޑރ. މުއިއްޒުއަށް ލިބެމުންދާ ތާއީދު ބޮޑުވަމުންދާ ފެންނަ ކަމަށް އަޅުގަނޑުމެންގެ ގިނަ ކައުންސިލް މެމްބަރުން ހިއްސާކުރި. އަދި އޭގެ އިތުރުން، ހަމަ އެއާއެކީގައި އެމްޑީޕީ އުފެދިފައިވާ ކޯލިޝަނުގެ ފަރާތުން ފުރަތަމަ ބުރު ނިމުމަކާ އެކީގައި އެ ބޭފުޅުން ހަމަހިމޭންވި ހަމަހިމޭންވުން ވަރަށް ބޮޑަށް ފާހަގަ ކުރެއްވި. ހުރިހާ ރަށެއްގެ ޖަގަހަތައް ބަންދުކޮށް، 15 ދުވަސް ވަންދެން އެއްވެސް ހަރަކާތެއް ނުހިންގާ މި އޮތް ގޮތަށް އޮތުމަކީ އެއީ ހުދު ބަލި ގަބޫލުކުރެއްވުން ކަމަށް ބައެއް ބޭފުޅުން ހިއްސާކުރެއްވި،" މައުރޫފު ވިދާޅުވިއެވެ.
އެމްޑީއޭގެ ވިސްނުން ހުރީ ގައުމީ ވިސްނުމެއްގައި ކަމަށެވެ. އެމްޑީއޭއަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަގުސަދުގައި އުފެދުނު ޕާޓީއެއް ކަމަށް ވެސް މައުރޫފު ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެވަޑައިގަންނަވާނެ ކަމަށް ގިނަ ކައުންސިލް މެމްބަރުން ފާހަގަކުރެއްވުން، ޕާޓީން ނިންމެވީ މުއިއްޒާއެކު ކުރިއަށް ދިޔުމަށްކަމަށް މައުރޫފު ވިދާޅުވިއެވެ. މުއިއްޒު، މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.