ޚަބަރު

ރައީސް ސޯލިހު ދޫކޮށް، އެމްޑީއޭއިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

މުހައްމަދު އިޝާން

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑިއޭ އިން، އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައިފިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންތަކުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާމް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ނަމަވެސް ރައީސް ސޯލިހަށް އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ނުވުމުން، ދެ ވަނަ ބުރުގެ ކެމްޕެއިނުން އެއްގޮތަކަށް ވެސް ސިޔާމް ނުފެނެއެވެ.

އެމްޑީއޭ އިން މުއިއްޒަށް ތާއީދު ކުރަން ނިންމީ އެ ޕާޓީން މިރޭ ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައެވެ.

ސިޔާމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެމްޑީއޭ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކަމާމެދު ތިން ހުށަހެޅުމެއް ބައްދަލުވުމެއް ހުށަހެޅި ކަމަށެވެ.

އެގޮތުން ފުރަތަމަ ހުށަހެޅީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ސިޔާމް ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެންމެ ދެ މެންބަރުންނެވެ. ދެވަނަ ހުށަހެޅުމަކީ ކައުންސިލް މެމްބަރު ޝުއައިބް އަލީ (ފުރަހަނި) ހުށަހެޅުއްވި ހުށަހެޅުމެކެވެ. އޭނާ ހުށަހެޅުއްވީ އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ދެމެހެއްޓުމަށެވެ. ނަމަވެސް އެ ހުށަހެޅުމަށްވެސް ތާއީދުކުރެއްވީ ދެ މެންބަރުންނެވެ.

ތިންވަނަ ހުށަހެޅުމަކަށް، އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، މުއިއްޒަށް ތާއީދުކުރަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މައުރޫފުއެވެ. އެ ހުށަހެޅުއްވުން އެމްޑީއޭގެ ކައުންސިލުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ ތެރެއިން 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.