ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ތެރެއަށް ބޭރުގެ ގައުމުތައް ނުވެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވި، ރިޔާސީ އިންތިހާބަށް ބޭފުޅުން ވަޑައިގަންނަވާއިރު، އެހެން ގައުމުތައް މި އިންތިހާބުގެ ތެރެއަށް ބައިވެރި ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އިންތިހާބެއް މިއީ، މި ރާއްޖޭގެ ރައްޔިތުން މިއަށް ވޯޓު ދޭން އޮތީ، މި ރާއްޖޭގެ ރައީސަކު އިންތިހާބު ކުރަމުން މި އަންނަނީ، އެހެންވީމަ އެކަން އެހެން ނުކުރެއްވިއްޔާ ވަރަށް ބޮޑު ރަނގަޅަކަށްވާނެ ކަމަށް ދެކެން" ނަޝީދު ވިދާޅުވިއެވެ.
ބޭރު ގައުމުތައް އިންތިހާބު ތެރެއަށް ނުވެއްދުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް އިދިކޮޅުން އެންމެ ބޮޑަށް ބޭނުން ކުރާ ހަތިޔާރަކީ އިންޑިއާއާ ގުޅުވުމެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި ރާއްޖޭގެ ބައެއް ސަރަހައްދުތައް އިންޑިއާ ސިފައިން ތިބުމަށް ހާއްސަ ކުރައްވަން ނިންމާފައިވާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް އެކަން ތަކުރާރުކޮށް ދޮގުކުރައްވައި ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނުތިބޭނެ ކަމަށެވެ. އަދި ބޭރުގެ ސިފައިން ތިބި ކަމަށް ތުހުމަތުކުރާ ހުރިހާ ސަރަހައްދެއް ދައްކަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު