އިސްރާއީލުންނަށް މި ރާއްޖޭގައި ފައިޖައްސައި ނުލެވޭނެހެން ޕާސްޕޯޓު މަނާކުރީ މި ސަރުކާރުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ، ރަސްމާލެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ދައްކާ އެއް ވާހަކައަކީ އިސްރާއީލް ރައްޔިތުން މިތަނަށް އައިސް އެތަނުން ގެދޮރު ގަނެގެން ވަޒަންވެރިވާ ވާހަކަ ކަމަށެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ސަރުކާރަކުން ނޫންތޯ، މިއަދުވެސް މި ރާއްޖެއަށް އިސްރާއީލްގެ އެއްވެސް ރައްޔިތަކަށް އެތެެރެ ނުވެވޭނެގޮތަކަށް މި ރައްޔިތުންގެ މަޖިލީހުން ނޫންތޯ އިސްރާއީލްގެ ޕާސްޕޯޓް މަނާކުރީ،"

އެކަމުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިޒައާމަތުގައި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް މި ފަސްގަނޑުގައި ފައި ޖައްސާލުމުގެ ފުރުުސަތު ނުލިބޭނެކަން ދިވެހި ކޮންމެ ރައްޔިތަކަށް ޔަގީންކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފަލާހު ވިދާޅުވީ، އެމްޑީޕީ ބޭފުޅުން އިސްރާއީލްގެ ވާހަކަ ދައްކާއިރު، މިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ސަރުކާރުގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ރައްޔިތުން ގޮވާލުމުން ގަރާރެއް ހުށަހަޅައި އެ ވެރިކަމުގެ ފަސް އަހަރު ދުއްވައިލީ، ކޮމިޓީ މަރުހަލާގައި ބާއްވައިގެން ކަމަށެވެ.

އެމްޑީޕީ ވެރިކަމުގައި އެކަން ފާސްކޮށްލާނެ ހިތްވަރު އެ މެންބަރުންނަށް ނުލިބުނު ކަމަށްވެސް ވިދާޅުވިއެވެ.

"މި ބޭފުޅުން ނޫންތޯ މި ބޭފުޅުންގެ ވެރިކަމެއްގައި އިސްރާއީލާ އެއްކޮށް ގުޅުން ބަދަލިކޮށް އިސްރާއީލުގެ މަތިންދާ ބޯޑުތަކާއި ޑޮކްޓަރުންނާއި ނަރުހުންނާއި މަސައްކަތު މީހުންނާ މި ގައުމަށް ގެންނަން މަސައްކަތް ކުރީ. ނަަމަވެސް އަޅުގަނޑުމެންގެ ސަރުކާރަކުން އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެއް، މި ގައުމުގައި އިސްލާމްދީން ނޫން ދީނަކަށް ޒައްރެއްގެ މިންވަރުގެ ފުރުސަތެއްނުދޭނެ،"