ކުޅުދުއްފުށި ސިޓީގައި 2،000 ހައުސިން ޔުނިޓް ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ކުޅުދުއްފުއްޓަށް މިރޭ ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުވާން އޮތީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެން ކަމަށެވެ. އެހެންވެ އޭނާގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމާ މި ސިޓީގައި، މި ސިޓީއަށް އެންމެ މުހިންމީ ގެދޮރުގެ މައްސަލައަށް ހައްލެއް އައުން. އަޅުގަނޑުމެންގެ ސިޔާސަތަކީ މުޅި ރާއްޖެ މި ކަނޑައަޅާ ސިޔާސަތުގައި ހަމަ މި ސިޓީ ވެސް ހިމެނިގެންދާނީ. އެގޮތުން މި ސިޓީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން 2،000 ހައުސިން ޔުނިޓުގެ ހައުސިން މަޝްރޫއެއް ކުރިއަށްގެންދާނެ ވާހަކަ ދަންނަވަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ހައުސިން ޔުނިޓުތައް ތަރައްގީ ކުރަނީ މަލްޓި ސްޓޯ ހައުސިން ޔުނިޓުތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ލޯނުތަކުގެ ފައިދާ ކުޅުދުއްފުށީގެ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އެ ލޯނުތައް ދޫކުރާނީ ގާނޫނުތައް ހަދައިގެންނާއި މިހާރު ހުރި ބައެއް ގާނޫނުތައް އިސްލާހުކޮށްގެން ކަމަށާއި އަދި ބޭންކިން ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ސަރުކާރުން ދޫކުރާ އެ ލޯނުތަކުގެ ސަބަބުން އަމިއްލަ ގޯތީގައި ގެދޮރު ހެދުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފަސް އަހަރު ނިމޭއިރުގައި ދެން ތިމަންނަމެންގެ ގޯތީގަ ގެއެއް ނެތޭ، ތިމަންނާމެންނަކަށް އެކަށީގެންވާ ވަރަކަށް މި ސިޓީން ގޯތި ގެދޮރެއް ނުލިބުނޭ ދަންނަވާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
އުމްރާނީ ތަރައްގީ ކުޅުދުއްފުށިއަށް ގެނައުމުގެ ގޮތުން މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް މަގުތައް ހުންނާނީ ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ވަކި ވަގުތެއްގައި ރޭސްޖަހާ މީހުންނަށް ރޭސިން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށާއި ހުރިހާ ސިޓީތަކެއްގެ މަގުތައް ހަދާނީ އެގޮތަށް ރޭސިން ޖާގަ އޮންނަ ގޮތަށް މުއިއްޒު ވިދާޅުވިއެވެ.
ކުޅުދުއްފުށި ހޮސްޕިޓަލަކީ ހަގީގީ މާނައިގެ ޓާޝަރީ ހޮސްޕިޓަލަކަށް ހަދައި ކުޑަކުދިންނަށް ބޭނުންވާ ތެރަޕީ އަދި އެހެނިހެން އިންޓަނޭޝަނަލް ސިއްހީ ހިދުމަތްތައް އެ ހޮސްޕިޓަލުގައި ގާއިމުކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގެ އަމާޒަކީ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މީހުންނަކީ ދިވެހިންނަށް ހެދުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު