ރާއްޖޭގައި ވެރިކަން ކުރަމުންދާ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން، ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވުމުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ރ. ހުޅުދުއްފާރަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އާދަމް ޝަރީފު ވިދާޅުވީ، ނިޒާމީ ވޯޓެއްގެ ވާހަކަ މިވަގުތު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި މިވަގުތު ރައްޔިތުންގެ ވިސްނުން ހުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ކަމަށެވެ.
"މިހާރު އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ކުރިއަށްދިއުމަށް ވާހަކަދައްކަން އެ ފެށީ ހަގީގަތުގައި މިހާރު އިބްރާހީމް މުހައްމަދު ސޯލިހު އެހެރީ ހަމަ އަމިއްލައަށް ގަބޫލުކޮށްގެން އޭނާ ދެވަނަ ބުރުގައި ވެސް ބޮޑުތަނުން ފެއިލްވާނެކަން. އިންތިހާއަށް އެހުރީ ވެރިކަން ބޭނުންވެފަ. އެހެންނަމަވެސް އޭނާ މިހާރު އެ އަނބުރާ ދީލާލީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން ޔަގީން ކުރެވެނީ މި ކުރިއަށް އޮތް އިންތިހާބު ވެސް ކާމިޔާބުނުވާނެ ކަމަށް،" އާދަމް ޝަރީފު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ވާދަވެރިން މަސައްކަތް ކުރައްވަނީ ނުބައި ނިޔަތެއްގައި އޮޅުވާލަން، ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ކަމަށް އޭނާ ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ބަލައިގަނެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހަށް ބަލައިގަނެފައިވަނީ އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކުގައެވެ. އެ ގަރާރު މަޖިލިހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާރު ބަލައި ނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ޕީޕީއެމުން ވެސް ވަނީ އެ ގަރާރަށް ތާއީދުކޮށްފައެވެ.
ނަމަވެސް ޕީޕީއެމުން ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެއްބަސްނުވާނެ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ފެނޭތޯ ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، އޮކްޓޯބަރުގައި ނިޒާމީ ވޯޓެއް ނެގުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަވާނެ ކަމަށެވެ.
މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިން ނިޒާމީ ވޯޓެއް ނަގަން ފާސްކޮށްފިނަމަ، އެ ނިންމުމާ އެއްގޮތަށް އެފަދަ ވޯޓެއް ނަގަން ރައްޔިތުންނާ ހަމަައަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ވޯޓެއް ނަގަން ރައްޔިތުންނާ ހަމައަށް ފޮނުއްވައި، ދެން ކުރިއަށްދާނެ ގޮތަކާ މެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"ރައްޔިތުންނަށް ނިޒާމު ބަދަލުކުރަން ނުފެންނަ ނަމަ، އަޅުގަނޑު ނުޖެހޭނެ ތަސްދީގު ކުރާކަށް، ފެނިއްޖެއްޔާ ދެން އޮންނާނީ އޭގެ ތެރެއިން ސަރުކާރު ބައްޓަން ކުރާ ގޮތް އެކި ގައުމުތަކުގައި އެކި ގޮތަށް އެބަހުރި، ބާރުތައް ބައިކޮށްފައި ވެސް އެބަހުރި ރައީސަކަށް ވަކި ބާރުތަކެއް ދީފައި، ބޮޑުވަަޒީރަކަށް ވަކި ބާރުތަކެއް ދީފައި ހުންނަ ނިޒާމެއް ވެސް އެބައޮތް،" ރައީސް ވިދާޅުވެފައިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޯބަރު މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށެވެ.
އެ އިސްލާހު ފާސްކުރީ އެވަގުތު ކޮމިޓީގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހު ފާސްކުރަން ބޭނުންވަނީ 15 މެންބަރުންގެ ވޯޓެވެ.
އެ އިސްލާހު ފާސްވުމާ ގުޅިގެން އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރަން ވޯޓަށް އެއްސެވެ. މުޅި މަޖިލީހުުގެ ކޮމިޓީން އެ ގަރާރު ފާސްކުރީ ކޮމިޓީގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.
އެހެންކަމުން އެ ގަރާރަށް ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.