ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމުމަށް ހުށަހަޅައި، އެއްބަސްނުވެވޭނަމަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި މިރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޝިފާޒެވެ.
ޝިފާޒް ހުށަހެޅުއްވީ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާ މެދު ކައުންސިލުން ނިންމާނެ ތިން ކަމެއް ހިމެނޭ ގަރާރެކެވެ. އެގޮތުން އެ ގަރާރުގައިވާ ގޮތުން އެމްޑީޕީއަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 28 ގައި ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމަށެވެ. އެކަން ބުދަ ދުވަހުގެ ކުރިން އެއްބަސްވެ، ސޮއިކުރުމަށެވެ.
އެ ގަރާރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ހުށަހަޅާފައިވަނީ އެ ކޯލިޝަންގެ ސަރުކާރެއްގެ ހިއްސާ ޑިމޮކްރެޓްސްއަށް ދިނުމަށެވެ. އަދި ސަރުކާރުގައި ބައިވެރިވާނެ ނިސްބަތަކާއި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާންކުރާ މިންވަރު އެއްބަސްވުމެއްގައި ހިމަނައި ސޮއި ކުރުމަށެވެ.
އެކަންކަމަށް އެއްވެސް ޕާޓީއަކަށް އެއްބަސް ނުވެވޭނަމަ، ގަރާރުގައި ދެން ހުށަހަޅާފައިވަނީ ޑިމޮކްރެޓްސް އިން ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމުމަށެވެ.
އޮންލައިންކޮށްވެސް މެމްބަރުން ބައިވެރިވި އެ ބައްދަލުވުމުގައި އެ ގަރާރު ފާސްކޮށްފައިވަނީ ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ތާއީދާ އެކުއެވެ.
ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމެވުމަށް ގޮވާލައްވައިފައެވެ. އަދި ގިނަ މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވަން ބޭނުން ނޫން ކަމަށާއި ބޭނުން ވަނީ "އިބޫ ނޫން ގޮތެއް" ކަމަށް މެމްބަރުން ގޮވާލެއްވިއެވެ.
ގަރާރަށް ބަހުސް ކުރައްވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ބަޔަކާ އެކު އެކުވެގެން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކުރިން ދަސްވެފައިވާ ހަގީގަތަކީ އެކަމުން ކާމިޔާބެއް ލިބިފައިނެތް ކަން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކަށް ވާންޖެހޭނީ އަޅުގަނޑުމެން އެކަނި ނުކުމެ އެބަ އޮތްތޯ އަނެއްކާވެސް ގޮތެއް ހޯދެން. އެކަން އެބައޮތްވާން ތިބޭފުޅުންގެ ހިތްވަރާ އެއްކޮށް. އަޅުގަނޑުމެންގެ ސަޕޯޓަރުން އަޅުގަނޑުމެންނަށް އެންމެ ފަހުން ވޯޓް ދިން މެމްބަރުންގެ ހިތްވަރާއެކު އެކަން އެބަ އޮތް ވެވެން. އެކަން ވާން އޮތް ގޮތަކީ މި އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ދެރަކުރުން، ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" އާޒިމް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ އެ ގަރާރަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެއްބަސް ނުވެވޭނަމަ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް، އެ ޕާޓީން ކުރިއަށް ދިއުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އިލްޔާސް ވިދާޅުވީ ހުރިހާ އެންމެންވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރައީސް ސޯލިހު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފި ކަމަށެވެ. އެހެންކަމުން ރައީސް އެކަން ގަބޫލުކުރައްވައި، 20 ވަނަ ދުވަހުގެ ކުރިން އެކަންކަމަށް އެއްބަސްވެވޭނަމަ، ވާހަކަ ދެއްކެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"މިކަންކަމަށް އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެއްޔާ ވަރަށް ސާފު، އަޅުގަނޑުމެން އެއްވެސް ކޮޅަކަށް ތާއީދެއް ނުކުރާނަން. އަޅުގަނޑުމެން ޕާޓީ އުފެދިގެން އައި މަގުސަދު، އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުން އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނެ،" އިލްޔާސް ލަބީބް ވިދާޅުވިއެވެ.
ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުން އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ސެޕްޓެމްބަރު 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީއަށް ހުށަހެޅި ކަމަށާއި އެކަމަށް އަދިވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީއަކާ އެކު އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ.