ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ގޮތެއް ނިންމުމަށް އެދި ގަރާރެއް ހުށަހަޅައިފިއެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި މިހާރު ކުރިއަށްދާ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަދައްކަވަމުން އެ ޕާޓީގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ސެޕްޓެމްބަރު 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީއަށް ހުށަހެޅި ކަމަށާއި އެކަމަށް އަދިވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ޕާޓީއަކާ އެކު އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ.
އޭގެ ފަހުން އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޝިފާޒް ހުށަހެޅުއްވީ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާ މެދު ކައުންސިލުން ނިންމާނެ ތިން ކަމެއް ހިމެނޭ ގަރާރެކެވެ. އެގޮތުން އެ ގަރާރުގައިވާ ގޮތުން އެމްޑީޕީއަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 28 ގައި ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމަށެވެ. އެކަން ބުދަ ދުވަހުގެ ކުރިން އެއްބަސްވެ، ސޮއިކުރުމަށެވެ.
އެ ގަރާރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ހުށަހަޅާފައިވަނީ އެ ކޯލިޝަންގެ ސަރުކާރެއްގެ ހިއްސާ ޑިމޮކްރެޓްސްއަށް ދިނުމަށެވެ. އަދި ސަރުކާރުގައި ބައިވެރިވާނެ ނިސްބަތަކާއި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާންކުރާ މިންވަރު އެއްބަސްވުމެއްގައި ހިމަނައި ސޮއި ކުރުމަށެވެ.
އެކަންކަމަށް އެއްވެސް ޕާޓީއަކަށް އެއްބަސް ނުވެވޭނަމަ، ގަރާރުގައި ދެން ހުށަހަޅާފައިވަނީ ޑިމޮކްރެޓްސް އިން ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމުމަށެވެ.
އެގޮތުން ގަރާރަށް ވާހަކަދެއްކުމަށް ހުށަހެޅުއްވުމުން، ގިނަ މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވަން ބޭނުން ނޫން ކަމަށާއި ބޭނުން ވަނީ "އިބޫ ނޫން ގޮތެއް" ކަމަށް މެމްބަރުން ގޮވާލެއްވިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ހުރިހާ އެންމެންވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރައީސް ސޯލިހު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފި ކަމަށެވެ. އެހެންކަމުން ރައީސް އެކަން ގަބޫލުކުރައްވައި، 20 ވަނަ ދުވަހުގެ ކުރިން އެކަންކަމަށް އެއްބަސްވެވޭނަމަ، ވާހަކަ ދެއްކެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"މިކަންކަމަށް އެއްބަސްވުމަކާ ހަމައަށް ނާދެވިއްޖެއްޔާ ވަރަށް ސާފު، އަޅުގަނޑުމެން އެއްވެސް ކޮޅަކަށް ތާއީދެއް ނުކުރާނަން. އަޅުގަނޑުމެން ޕާޓީ އުފެދިގެން އައި މަގުސަދު، އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުން އަޅުގަނޑުމެން ހިފަހައްޓަން ޖެހޭނެ،" އިލްޔާސް ލަބީބް ވިދާޅުވިއެވެ.
ގަރާރަށް ބަހުސް ކުރައްވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ބަޔަކާ އެކު އެކުވެގެން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކުރިން ދަސްވެފައިވާ ހަގީގަތަކީ އެކަމުން ކާމިޔާބެއް ލިބިފައިނެތް ކަން ކަމަށެވެ.
އަޅުގަނޑުމެންގެ ވިސްނުމަކަށް ވާންޖެހޭނީ އަޅުގަނޑުމެން އެކަނި ނުކުމެ އެބަ އޮތްތޯ އަނެއްކާވެސް ގޮތެއް ހޯދެން. އެކަން އެބައޮތްވާން ތިބޭފުޅުންގެ ހިތްވަރާ އެއްކޮށް. އަޅުގަނޑުމެންގެ ސަޕޯޓަރުން އަޅުގަނޑުމެންނަށް އެންމެ ފަހުން ވޯޓް ދިން މެމްބަރުންގެ ހިއްވަރާއެކު އެކަން އެބަ އޮތް ވެވެން. އެކަން ވާން އޮތް ގޮތަކީ މި އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ދެރަކުރުން، ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" އާޒިމް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލަށް މިފަދަ ގަރާރެއް ހުށަހެޅި އިރު، ރައީސް ސޯލިހު މިއަދު ހަވީރު ކެމްޕޭނަށް ދޮރުން ދޮރަށް ކުރިއަށް ގެންދެވި ހަރަކާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ގުޅުއްވައި އެ ޕާޓީން ކުރިއަށް ދެވިދާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"ރައީސް ނަޝީދު ބޭނުންފުޅުވަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނަގަން. 30 ގެ ކުރިން. އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ. ހިނގާށޭ ވޯޓަށް ފަހުގައި ތިކަމާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭގައިވެސް ވާހަކަދެއްކިން. ދައްކާފައި އެ ހުށަހެޅުން ހުށަހަޅާފައި ވާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ގުޅޭ ގަރާރު ފާސް ކުރުމަށްފަހު އެމަނިކުފާނަށް ތަންފީޒު ކުރައްވަން ފޮނުއްވުމުން، ވޯޓް ނަގާނެ ތާރީހެއް އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށްވެސް ނަޝީދަށް ދަންނަވާފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ނިޒާމީ ވޯޓް ނަގަން ހުށަހަޅާނީ ނޮވެމްބަރު 17 ގެ ކުރިން ކަމަށެވެ.