ދަ ޑިމޮކްރެޓްސްއިން ވެސް ރީ-ރަޖިސްޓްރޭޝަންގެ އަދަދުގެ ސައްހަކަމާމެދު ސުވާލު އުފައްދައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 25،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާ ކަމަށެވެ. އެއީ ސައްހަ އަދަދެއްކަމާ މެދު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ މިއަދު ސުވާލު އުފައްދައިފައެވެ. އެ ކޯލިޝަނުން ވަނީ އެއީ އިންތިހާބު އޮޅުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.

ދަ ޑިމޮކްރެޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އީސީން ހާމަކުރި އެ އަދަދާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އެހެނީ ރީ-ރަޖިސްޓާ ކުރަން ތަރުހީބު ކުޑަވުމުގެ ސަބަބުން އެކަމަށް އޮތް މުހުލަތު އެއްފަހަރަށް ވުރެ ގިނައިން އިލެކްޝަން ކޮމިޝަނުން އިތުރުކޮށްދިނެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައިވާ މީހުންގެ އަދަދު ސިއްސައިގެންދާހާ މަދެވެ،" ދަ ޑިމޮކްރެޓުން ބުންޏެވެ.

ރީ-ރަޖިސްޓާ ކުރަން ހުށަހެޅި ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުން ޑިމޮކްރެޓުން ވަނީ އީސީއަށް ގޮވާލައިފައެވެ. "އެއީ ގަސްތުގައި ވޯޓު ދިނުމުގެ ހައްގު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ނޫންކަން އީސީން ޔަގީން ކުރަން ޖެހޭނެ" ކަމަށް ޑިމޮކްރެޓުން ބުންޏެވެ.

އަދި ރީ-ރަޖިސްޓްރޭޝަންއާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށާއި ރިޔާސީ އިންތިހާބާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން ޔަގީންކުރަން، ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅައިފައިވާ މީހުންގެ ލިސްޓު އީސީން އާންމުކުރުމަށް ޑިމޮކްރެޓްސްއިން ވަނީ ގޮވާލައިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ފެނިގެންދަނީ ދައުލަތުގެ މުދަލާއި ވަސީލަތް، މުވައްޒަފުން އަދި ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ މަންޒަރު ކަމަށް ވެސް ޑިމޮކްރެޓުސްއިން ބުންޏެވެ. އެކަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޮބްޒާވަރުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ މީޑިއާއިން، ރައީސް ސޯލިހަށް ފުރުސަތު ފަހިވެފައިވާ މިންވަރާއި އަމިއްލަ މީޑިއާތަކުގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވާތީ އެކަން ވެސް އީޔޫގެ އޮބްޒާވަރުން ފާހަގަކޮށްފައިވާ ކަމަށް ދަ ޑިމޮކްރެޓުސްއިން ބުންޏެވެ.

"މި މައްސަލަތައް އިދިކޮޅުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ތަހުގީގީ އިދާރާތަކަށް ހުށަހަޅައިފައިވެއެވެ. އެންމެ ފަހުން ފެންމަތިވި މިބާވަތުގެ މައްސަލައަކީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅައިފައި ހުރު ސަފީރުގެ ލީކުވި އޯޑިއޯގެ މައްސަލައެވެ. އޭގައި އޭނާ ވާހަކަދައްކަވަނީ ވޯޓު ގަތުމަށް ކުރާންޖެހޭ އިންތިޒާމުތަކާ ގުޅޭގޮތުން،" ޑިމޮކްރެޓްސްއިން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި ސައްހަކަން ކަށަވަރުކުރުމަށާއި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވޯޓުގެ ހައްގު އީސީން ކަށަވަރުކޮށްދިނުމަށް ޑިމޮކްރެޓްސްއިން ވަނީ ގޮވާލައިފައެވެ.

ރީ-ރަޖިސްޓްރޭޝަންގެ އަދަދުގެ ސައްހަކަމާ މެދު ސުވާލު އުފެދުނަސް އީސީން ބުނެފައިވަނީ އޮޅުވާލައިގެން ރީ-ރަޖިސްޓްރީ ނުކުރެވޭނެ ކަމަށެވެ. ރީ-ރަޖިސްޓްރޭޝަނަށް ހުށަހަޅާ މީހުންނަށް ގުޅައި، ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅިކަން ޔަގީންކުރާ ކަމަށާއި އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅޭނީ ލައިވް ފޮޓޯއަކާ އެކު ކަމަށް ވެސް އީސީން ބުނެފައިވެއެވެ.