ރީ ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން އަޑު ފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެ ފަރާތްތަކަށް ޔަގީންވާތީ ކަމަށް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނުން ބުނެފިއެވެ.
މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ދެ ދުވަސް ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނުމުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެ ޕާޓީގެ ލީޑަރުންވެސް ވަނީ ސުވާލު އުފައްދައިފައެވެ. އެހެންވެ ސިޔާސީ ޕާޓީތަކުންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން އެކަން ރަނގަޅަށް ބަލަން މުއިއްޒު ވަނީ ގޮވާލައްވައިފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ރައްޔިތުން އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ ރަޖިސްޓާ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެ މީހަކު ވޯޓުލުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފޮއްޓައްކަން ކަށަވަރު ކުރުމަކީ އެދޭ ކަމެއް ކަމަށް ބުންޏެވެ.
އެ ކޯލިޝަނުން ބުނީ، އެ ޕާޓީން އީސީގެ ރީ ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެ ފަރާތްތަކަށް ޔަގީންވާތީ އިންތިހާބު ގަޑުބަޑުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް އެމްޑީޕީގެ ފަރާތުން ނުކުރާކަމާއި ނުވެސްކުރާނެކަމުގެ ކަށަވަރުކަން އަރުވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު