ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާނަމަ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ގުޅިވަޑައިގަތުމަށް ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނާއި އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މުއިއްޒާ އެކު އއ. ފެރިދުއަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ނިންމީ ގައުމަށްޓަކައި ކަމަށެވެ. ކޯލިޝަން އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނޯންނާނެ ކަމަށާއި މުހިންމު ގައުމީ މަސައްކަތެއް ކުރެއްވޭނީ މުއިއްޒާ އެކު ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ހާއްސަ ގޮތެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ފަހަތަޖައް ޖެހިވަޑައިގެން ނުތިއްބަވާށޭ. ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ. މިއޭ އުއްމީދަކީ ތިބޭފުޅާގެ ގައުމީ ވަންތަކަން ދައްކަވާށޭ. ހަމައެއާކީގައި ފާރިސް މައޫމާނަށާ އުމަރު ނަސީރަށް ވެސް ދަންނަވަން އޮތީ އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ. ތިބޭފުޅުންގެ ގައުމީކަން މިއަދު ފެންނަނީ މި ކޯލިޝަނާ ގުޅިގެން. އެހެން ނޫނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިބޭފުޅުން ތިވަނީ މި ގައުމަށް ހަރާންކޯރު، އަޅުގަނޑު ދަންނަވާނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގައި މިހާރު ފޮރިން ޕޮލިސީއެއް ނެތް ކަމަށާއި ގައުމުގެ ކަންކަން ނިންމަނީ ބޭރުގެ އެހެން ގައުމަކުން ކަމަށެވެ. ރާއްޖޭގެ އިގުތިސޯދު މިހާރު ވަނީ އެހެން ގައުމަކަށް މުޅިން ބިނާވެފައި ކަމަށާއި މުއިއްޒާ ގުޅިވަޑައިގަތީ އެކަންކަމުން ރާއްޖެ ސަލާމަތްކޮށް ގައުމީ މަސައްކަތެއް ކުރެއްވުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ވެރިކަމުގައި މުއިއްޒާ އެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތް ކަމަށާއި މުއިއްޒަކީ ގާބިލް އަދި ހީވާގި، ހަވާލުކުރާ މަސައްކަތް ފުރިހަމައަށް ނިންމަވާ ބޭފުޅެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑެތި މަޝްރޫއުތަކަކީ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ކަމަށާއި އެހެންކަމުން މުއިއްޒަކީ ތަޖުރިބާކުރެވި، އިތުބާރު ލިބިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލުން މިނިވަންވުމަށް އެންމެ ބޮޑަށް ބޭނުންވަނީ އޭނާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ސެލެކްޓިވްކޮށް "ހަރާން" ހުކުމެއް ކޮށްގެން ޔާމީން ޖަލުގައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ނާޒމް ވިދާޅުވިއެވެ.

މި ސަރުކާރަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ރައްޔިތުންގެ ތަނަވަސްކަން އިތުރުވެފައިނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ޖީބަށް ފައިސާ ވަންނަން ކަމަށެވެ. މުއިއްޒުގެ ވެރިކަމަކީ އެކަންން ހަގީގަތަކަށްވުމުގެ އުއްމީދު ކަމަށް ނާޒިމް ވިދާޅުވިއެވެ.