ރިޔާސީ އިންތިހާބަށް އެމްޑީޕީން ޖެހި ހިސާބުތައް ގޯސް ކަމަށް އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އަމާޒުހިފާފައި ހުރީ، މި އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއް ބުރުން ކާމިޔާބު ކޮށްދިނުމަށެވެ. ނަމަވެސް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ ދެވަނައެވެ. އެއްވައިނައިގައި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.
ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް އަޔަނުދިނުމަށް ކުރަން ޖެހުނު ހުރިހާކަމެއް ކުރާނެ ކަމަށެވެ.
"ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން" ފައްޔާޒު ވިދާޅުވިއެވެ.
އިންތިހާބުގެ ނަތީޖާއަށްފަހު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުނުވެ، ދެވަނަ ބުރަކަށް ދާން ޖެހުމުގައި ވިސްނިފައި ނެތް ބައެއް ކަންކަން އެބަހުރި ކަމަށާއި އެކަންކަން ޕްލޭންކޮށް ދެވަނަ ބުރަކަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
ދެވަނަ ބުރެއްގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ކޮންމެ ގޮތަކަށް ވިޔަސް އެމްޑީޕީން ވެސް ބަޔަކާ ބައިވެރިވާން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ހިތުން ޕީޕީއެމް ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. ދެން އެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވެފައިވެއެވެ.
ދެވަނަ ބުރަކާ މެދު ކިހާ ޔަގީންކަމެއް އެބައޮތްތޯ ވިދާޅުވީ މަސައްކަތް ފަށައި އެކަމާ ދޭތެރޭ ވިސްނަވާނީ މިއަދު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު