ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި "މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް" މަޝްރޫއު ހިންގުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އިސްނަންގަންވައިގެން މިއަދު ހަރަކާތެއް އިފްތިތާހުކޮށްފިއެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ފެށި މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާނާއި ސިޔާސީ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ޑޮލަރު ބޭނުންކޮށްގެން ހިއްކި ރަސްމާލޭގެ ބިންތައް ދޫކޮށްލަން އުޅެނީ ޒަޔަނިސްޓުންގެ ބާރާއި ނުފޫޒު ފޯރާނެ ގޮތަކަށް ކަމަށެވެ.

އަދި އީގަލް ހިލްސްއަށް އެ ބިން ދިނުމާ ދެކޮޅަށް ވޭތުވެދިޔަ މަހެއްހާ ދުވަހު ރައްޔިތުން ކުރަމުންދިޔަ ހިމޭން އިހުތިޖާޖުތައް، މި ހަރަކާތުގެ ސަބަބުން އެއް އަޑަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން އެ މަޝްރޫއު ހުއްޓާލަންދެން ކުރިއަށްގެންދާ މި ހަރަކާތުގައި، ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން ޖަމިއްޔާތަކާއި ސަލާމަތީ ބާރުތަކުގެ މީހުންވެސް ބައިވެރިވުމަށް އިމްރާން ގޮވާލެއްވިއެވެ.

ނަމަވެސް މި ތުހުމަތުތައް ދޮގުކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތް ފިޔަވައި އެހެން އެއްވެސް ބަޔަކަށް ދޫކޮށްލާ ގޮތަށް އެއްބަސްވުންތައް އެކުލަވާލާފައި ނުވާނެ ކަމަށެވެ.