ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ހުއްޓުވުމަށްޓަކައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައެއް މަގުތަކުގައި ސްޕީޑް ބަންޕަރު ހެދުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އެޗްޑީސީން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫއަކީ ފުލުހުނާ ގުޅިގެން، ހުޅުމާލޭގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގާކަން ފާހަގަކުރެވިފައިވާ މަގުތަކަށް އަމާޒުކޮށްގެން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އެޗްޑީސީން އަންނަނީ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ބަންޕަރު އެޅުމުގެ އިތުރުން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ޓްރެފިކް ނިޝާންތައްވެސް ހަރުކުރަމުންނެވެ. މީގެ ކުރިންވެސް ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހަރުކުރުމުން، އެކްސިޑެންޓުތައް 70 އާއި 80 ޕަސަންޓްއާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދެއްކިއެވެ.

ނަމަވެސް، އެ ފަހަރު ހަރުކުރި ބަންޕަރުތައް ހެދުމަށް ބޭނުންކުރި ސާމާނާއި އޭގެ ބައްޓަމާމެދު ދުއްވާ ފަރާތްތަކުން ޝަކުވާ ބޮޑުވުމާ ގުޅިގެން ފަހުން ވަނީ އެ ތަކެތި ނަގައިފައެވެ. އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިފަހަރު އަޅަމުންދަނީ، ކުރިން ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ވެސް ބޭނުންކޮށްފައިވާ ފަދަ އާންމުންނަށް އުނދަގޫނުވާ ފެންވަރު ރަނގަޅު ތާރު ބަންޕަރުތަކެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ސްޕީޑް ކޮންޓްރޯލްކޮށް، ދުއްވާ އެންމެންނަށާއި ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ.