ތ. ވިލުފުށީގައި މި ސަރުކާރުން އަޅަން އުޅުނު މަސައްކަތްކުރާ، ނަމަވެސް ނުފެށިފައިވާ އެއާޕޯޓްގެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވިލުފުއްޓަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ދަތުރުފަތުރުގެ ގޮތުން އަދި އިގުތިސޯދީ ގޮތުން ވިލުފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ނުފެށި އޮތުން ކަމަށެވެ.
"މި ރަށުގެ ތަރައްގީއަށްޓަކައި، އިގުތިސޯދީ ގޮތުން ބެލިޔަސް މި އޮތީ ދަތުރުފަތުރުގެ ގޮތުން ބަލާއިރުގައި އެއާޕޯޓްގެ މަޝްރޫއު. މި ސަރުކާރުން މިހާ ދުވަސްވެގެން ދިޔައިރުގައިވެސް އަމަލީ ސިފައެއް ނުދެއްކުނު. އަޅުގަނޑުމެން މިއީ ނަތީޖާ ނެރެދޭ މީހުން. އެހެންވީމަ އިހުލާސްތެރިކަމާ އެކު އަޅުގަނޑުމެންގެ ކިބައިން ފެންނާނީ އެ އެއާޕޯޓް ހަގީގަތަކަށް ހަދައިދޭތަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވިލުފުށީގެ ސިއްހީ ނިޒާމު އަދި ތައުލީމީ ނިޒާމުގެ މައްސަލަތައް ހައްލުކޮށްދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދޭނެ ކަމަށެވެ. ސިއްހީ ނިޒާމު ތަރައްގީކުރުމުގެ ގޮތުން ވިލުފުށީގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހަދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ވިލުފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު