ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވާދަވެރިންނަށް އެމްޑީޕީއާ އަރައި ހަމަކުރެވޭނީ ވޯޓުލައި ނިމި، ނަތީޖާވެސް އިއުލާންކޮށް ނިމުމުން ކަމަށާއި ދެން އެ ބޭފުޅުންނަށް އޮތީ 2028ގެ އިންތިހާބަށް އިންތިޒާރު ކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. ގަމަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއް ބުރުން، ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުވާ މަންޒަރު މިހާރުވެސް ފެންނަ ކަމަށާއި އެމްޑީޕީން ކެމްޕޭން ގެންދަނީ ވަރަށް ފުރިހަމަ ކަމާއެކު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އުޅެނީ މާ ކުރީގައި. ކެމްޕޭންގައިވެސް ވާދަވެރިން އަޅުގަނޑުމެންނާ ހަމައަށް އަންނަން ހަތަރު ފަސް، ހަފުތާ ނަގާނެ. އޭރަށް އިންތިހާބު ނިމި، އޮންނާނީ ނަތީޖާ އިއުލާން ކޮށްފައި. ދެން އެ ބޭފުޅުން މަސައްކަތް ކުރަން ޖެހޭނީ 2028އަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދަނީ ވަރަށް "ކޫލް" ކެމްޕޭނެއް ކަމަށާއި އިދިކޮޅުން ޖަހާ ލަވަޔަކަށް ނުނަށާނެ ކަމަށެވެ. އަދި ފުރުސަތު ލިބުމުންވެސް ކަމެއް ކޮށްދެވިފައި ނުވާ، ފެއިލްވެފައި ތިބި ބަޔަކު ކިޔާ އެއްޗަކަށް އަޅާލާނެ ކަމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާގައި ރައީސް ވަނީ ގަމާ މެދު އެ މަނިކުފާނު ގެންގުޅުއްވާ ތަސައްވަރާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ. ގަމަށް 25،000 މީހުންގެ އާބާދީއެއް ގެނެސް، މި ރަށް އާބަން ސެންޓަރަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ގަން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނަން. އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި 25،000ގެ އާބާދީއަކަށް ބަދަލުކުރުން. އެވަރުގެ އާބާދީއެއް އުޅެން ނިންމާއިރުގައި ބޯހިޔާވަހިކަން އެއީ އެންމެ ބޮޑު ވިސްނުން. މަޖުބޫރުން ގެނައުމުގެ ވިސްނުމެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެވަރުގެ އާބީދީއެއް ގެނައުމަށް މީހުން ހިޖުރަކުރާނެ ފަދަ ޝައުގުވެރި ކަންކަން ގެންނަން ޖެހޭނެ ކަމަށާއި މާލޭ ސިޓީއެކޭ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަވީމާ މީހުން ދިރިއުޅެން އަންނާނެ ކަމަށެވެ. އަދި އެކަމަށް އަމާޒުކޮށް، މި ރަށުގައި 5،000 ހައުސިން ޔުނިޓު ހަދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.