އޭނާގެ ވެރިކަމެއްގައި ގާނޫނު އިސްލާހު ކޮށްގެން ނަމަވެސް ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތިނަދޫއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިނަދޫގައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަވައި ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް ތިނަދޫގައި ފުރިހަމަ ކޮށްދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބަލާ މިންގަނޑު ކަމަށްވާ 10،000 މީހުންގެ އާބާދީ ހަމަވުމަކީ ލާޒިމު ކަމަކަށް ވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، 8،000 މީހުން ހަމަވާ ނަމަ، ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވެންވާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ފަދަ އުމްރާނީ ތަރައްގީ ގެނެސްދިނުމުގެ ރިކޯޑް އޮތީ ޕީޕީއެމް/ޕީއެންސީގައިކަން ރައްޔިތުން ގަބޫލުކުރައްވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންވެސް ޕާޓީ ވިސްނުން ދޫކޮށް ތަރައްގީގެ ފިކުރާއެކު ކުރިއަށްދާންޖެހޭ ކަމަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި ތިނަދޫއަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ކަންތައް:

  • 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހަދައިދިނުން
  • ކާޑެއްދޫ އެއާޕޯޓް އިތުރަށް ތަރައްގީކުރުން
  • ޑީކޮމްޕްރެޝަން ޗެންބާއެއް ހެދުން
  • ކުޅިވަރު ކުޅޭނެ ވަސީލަތްތައް އިތުރުކުރުން
  • ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުން