ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ނ. ވެލިދޫ ކައިރީގައި އޮނަނަ ވިހަފަރުގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވެލިދުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ނ. އަތޮޅަކީ ގިނަ ރިސޯޓުތަކެއް ހުރި ޓޫރިސްޓު އެނދު ގިނަ އަތޮޅެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސިޔާސަތަކީ ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް ހެދުން ކަމަށެވެ. ވެލިދޫއާ އެންމެ ކައިރި އެއާޕޯޓެއް އޮތީ 35 މިނިޓު ދުރުމިނުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެހެންވީމާ އެންމެ ފީޒިބަލް ގޮތަކަށް އިކޮނޮމިކަލީ ހަމަ ހަގީގަތުގައިވެސް ކުރެވޭ އިންވެސްޓުމެންޓަކަށް ވާނީ މި ރަށާ މާދުރު ނޫން ހިސާބެއްގައި، އެގޮތުން ބަލާއިރުގައި އެހެން ބަޔަކަށް ކޮންމެވެސް އެހެން ރިސޯޓު ޕްރޮޖެކްޓަކާ ގުޅިގެން ހަވާލުކޮށްފައި އޮތް ފަޅެއް އެބައޮވޭ. އެ ފަޅު ގާނޫނީ ހަމަތަކުގެ މަތިން އެ އޮންނަ އުސޫލުން ބަދަލުކުރެވޭތޯ މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް، ކުރަންވާނެ ކަމަށް ގަބޫލުކުރަން. ވިހަފަރު، އެތަން އެގޮތަށް މި ދެންނެވި ގޮތަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވިހަފަރުގައި އެއާޕޯޓު ހެދުމަށް ހުރަސްތަކެއް ދިމާވާނެ ކަމަށާއި އެހެންކަމުން ފުރަތަމަ ހައްލު ހޯދަން ޖެހޭނީ އެކަމަށް ކަމަށެވެ. އެ މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ވެލިދޫ ރައްޔިތުން ބޭނުންވާ ގޮތަށް ވިހަފަރުގައި އެއާޕޯޓެއް ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއާޕޯޓެއް ހެދުމުން އެކަމުގެ އިގުތިސޯދީ މަންފާ ވެލިދޫއަށާއި ނ. އަތޮޅަށް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ވަރަށް ގިނަ ފަޅުތައް އެކި ފަރާތްތަކަށް ދީފައި ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ހުރަސްތަކެއް ދިމާވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އިގުތިސޯދީ މަސައްކަތް ކުރެވެން ހުންނަނީ އެހެން ފަރުތަކާއި ފަޅުތަކުގައި ކަމަށާއި އެހެންކަމުން ފަޅުތަކާއި ފަރުތައް ދީފައިވާ ގޮތް ޕީޕީއެމްގެ ވެރިކަމެއްގައި ވަރަށް ރަނގަޅަށް ބަލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވެލިދޫގެ ޒުވާނުންނަކީ ޓޫރިޒަމް ދާއިރާގައި ވަރަށް ފުޅާކޮށް މަސައްކަތްކުރާ ބައެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ވެލިދޫއަކީ ޔޮޓް ބަނުމުގެ މަސައްކަތް ކުރަމުންދާ ރަށެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ މަސައްކަތްކުރުމަށް ވަކި ސަރަހެއްދެއް ކަނޑައަޅައިދޭނެ ކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ފައިބަރުގެ މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވެލިދޫގެ ކުރިމަގަށް ކަންތައްތަކެއް ރާވާ އިރު، ކުނި މެނޭޖުކުރުމުގެ ނިޒާމު މީހުން ނޫޅޭ ސަރަހައްދުގައި ގާއިމުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އިންޑަސްޓްރިއަލް ޒޯނެއް ކަނޑައަޅައި އެކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.