ޕާކިސްތާނަށް މިހާރު ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ދެއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ މި ޖާފަތް ބާއްވަވާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެ ގައުމުގެ ރައީސްގެ ރަސްމީ ގަނޑުވަރު، "އައިވާން-އީ-ސަދްރު" ގައި ކަމަށެވެ.

މި ފަރިއްކޮޅުގައި ރާއްޖެއާއި ޕާކިސްތާނުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ދަތުރުފުޅެކެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، މިއަދު ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު 20 އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ. ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ރަސްމީކޮށް ގާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.