ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައެވެ.
ރައީސް އޮފީހުން މިރޭ ބުނީ ޕާކިސްތާނުގެ ގަނޑުވަރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް މަރުހަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ރައީސް، އާސިފް އަލީ ޒަރްދާރީ އާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް އަދި ސާޖިދާ ވަނީ ޕާކިސްތާނުގެ ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ވަކިވަކި ބައްދަލުވުންތަކެއް ބާއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އާސިފް އަލީ ޒަރްދާރީ ވަނީ ރައީސް މުއިއްޒު އަށް ހޫނު މަރުހަބާއެއް ދަންނަވާ، އެގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، މިދަތުރުފުޅަކީ އޭގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ދަތުރުފުޅެއްކަމަށްވެސް ޕާކިސްތާން ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އެރުވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ދެގައުމުގެ މެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމަށް ބައްލަވާލެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، ވިޔަފާރި، ތައުލީމު، ސިއްހީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާ ކުރެވިގެންދާނޭކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލައްވާލައްވައިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެފައިވާ މިންވަރަށް ބައްލަވާލައްވާފައިވާކަމަަށް ރައީސް އޮފީހުން ބުންޏެވެ. އަދި، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނޭކަމުގެ ޔަގީންކަން އޮތްކަމަށް ޕާކިސްތާން ރައީސް ވިދާޅުވިކަމަަށް ރައީސް އޮފީހުން ބުންޏެވެ.
ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު، ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާކަމަށް ޕާކިސްތާން ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައިވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަގީންކަން އާ ކުރައްވަމުންކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ކޮމެންޓް