ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމާ ގުޅިގެން، ޕާޓީގެ ރަސްމީ ސިޔާސަތާ ހިލާފަށް ވާހަކަނުދެއްކެވުމަށް އެދިވަޑައިގެން، އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުސީދާ އިންޒާރެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް މިއަދު ގަރާރެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މި ގަރާރާ ގުޅިގެން ރައީސް ނަޝީދު، މެންބަރުންނަށް ނުސީދާ ގޮތެއްގައި ސަމާލުކަން ދެއްވުމުގެ ގޮތުން، މީގެ ކުރިން ޕާޓީގެ ސިޔާސަތާ ހިލާފުވެގެން ކުރީގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރި ހާދިސާ މިސާލެއްގެ ގޮތުގައި ނަންގަވާފައިވެއެވެ.

އަލީ އާޒިމް ޕާޓީން ވަކިކުރީ މަޖިލީހުގެ މެންބަރަކަށް ހުންނަވައިގެން ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން ކަމަށް ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ. އަދި އީގަލް ހިލްސްއާ ގުޅޭގޮތުން ޕާޓީން މިހާރު ވެސް ރަސްމީ ބަޔާނެއް ނެރެފައިވާކަން މެންބަރުންގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ.

މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެމްޑީޕީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އާޒިމް ވަކިކުރަން ނިންމީ، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި 'އިޓްލޮސް' އިން ނިންމި ނިންމުމާ ދެކޮޅަށް، އޭރުގެ އިދިކޮޅު ޕާޓީތަކާ ގުޅިގެން އޭނާ މަސައްކަތްކުރެއްވި މައްސަލައިގައެވެ.

ރައީސް ނަޝީދު ފާހަގަކުރައްވާފައި އެމްޑީޕީގެ ނޫސްބަޔާނަކީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށާއި އެ މަޝްރޫއު ހިންގުމާ ގުޅޭ އާންމު ވޯޓަކަށް ދިއުމަށް ގޮވާލައި މިމަހުގެ 15 ގައި ނެރުނު ނޫސްބަޔާނެކެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއާ ދެކޮޅު ހައްދަވާފައިނުވާ އިރު، ރައީސް ސޯލިހު މަޝްރޫއާ ދެކޮޅެވެ.

އީގަލް ހިލްސް އެއްބަސްވުމާ ގުޅޭގޮތުން، ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ބެހޭ ކޮމިޓީތަކާ އެއްބަސްވުން ހިއްސާކުރައްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.