ގްރޭޓާ މާލެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގެ ބޮޑެތި ކޮންފަރެންސްތައް ހޯސްޓް ކުރެވޭނެ ގޮތަށް، އެންޓަޓައިންމަންޓް ކޮމްޕްލެކްސް އަކާއެކު ކޮންވެންޝަން އައިލެންޑެއް ތަރައްގީކުރަން އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ހާއްސަ ކެމްޕެއިން ޖަލްސާގައި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ފަސްވަނަ އަދި ފަހު ސިޔާސަތު، "އިގްތިސާދީ ބޮޑު ބަދަލު" ވަނީ އިފުތިތާހުކޮށްފައެވެ.

އިގުތިސާދީ ބޮޑު ބަދަލު ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ބާރުވެރި އިގުތިސާދު، އިގުތިސާދީ ހަރަކާތްތަކުގައި އެންމެންގެ ބައިވެރިވުން، އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ އަދި ވިލުންތެރި އިގުތިސާދެވެ.

މި ހަތަރު ބައިގެ ތެރެއިން ބާރުވެރި އިގުތިސާދުގެ ދަށުން ހިމެނޭ ފަތުރުވެރިކަން އެންމެނަށް ފޯރުކޮށްދޭން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • - ދުނިޔޭގެ ފެންވަރުގެ ދިވެހި ހޮސްޕިޓެލިޓީ މެނޭޖްމަންޓް ބްރޭންޑްތަކެއް އުފެއްދުމަށް ބޭނުންވާ ފަންނީ/ މާލީ އެހީތެރިކަން ފޯރުކޮށްދިނުން
  • - ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންގެ މިލްކުވެރިކަމުގެ ހިއްސާ އިތުރުކުރުމަށް އިންވެސްޓްމަންޓް ފަންޑެއް ތައާރަފުކުރުން
  • - ލިވްއަބޯޑް އަދި ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް އެ ފަންޑުން އިންވެސްޓް ކުރާނެ
  • - ބައިނަލްއަގްވާމީ އެއާޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ސަރުކާރުން ބެޑް ކެޕޭސިޓީ އިތުރުކުރަން އިންވެސްޓްމަންޓްތަކަށް މަގުފަހި ކުރުން
  • - ރާއްޖޭގެ އުތުރާއި ދެކުނަކީ ވަކި ބްރޭންޑެއްގެ ދަށުން މާކެޓް ކުރެވޭ ވަކި މަންޒިލްތަކެއް ކަމުގައި ހެދުން
  • - ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓެލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރުން
  • - ރާއްޖޭގެ ތާރީހާއި އެވޭލާ ދިރިއުޅުމާއި އާސާރުތައް ދައްކުވައިދޭ މަރުކަޒެއް ޒަމާނީ ވަސީލަތްތަކާ އެކު ބިނާކުރުން
  • - ގްރޭޓާ މާލެ ސަރަހައްދުގައި އެންޓަޓައިންމަންޓް ކޮމްޕްލެކްސް އަކާއެކު ކޮންވެންޝަން އައިލެންޑެއް ތަރައްގީކުރުން
  • - ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ކްރޫސް ޓާމިނަލްތަކާއި ހިދުމަތް ލިބޭ އެހެނިހެން ވަސީލަތް ގާއިމުކުރުން
  • - މައިސް ޓޫރިޒަމް ފުޅާކުރުމަށް ރާއްޖޭގެ ވަކި ސަރަހައްދެއް ކަނޑައަޅައި ވަސީލަތްތައް ގާއިމުކުރުން
  • - ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކެއް ތައާރަފްކުރުުން
  • - 5 އަހަރު ތެރޭގައި 500 ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގެ ލީޑާޝިޕް ސްކޮލަރޝިޕްތައް ފޯރުކޮށްދިނުން