ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ، ށ. މިލަންދޫގައި އެއާޕޯޓެއް ހަދައި، ށ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީގެ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ފިކުރަކީ އޭނާގެ ވެސް ތަރައްގީގެ ފިކުރު ކަމަށެވެ. އަދި ޔާމީން، އެންމެ ބޮޑު އިސްކަމެއް ދެއްވީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން ކަމަށާއި އެގޮތުން ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް ހެދުމަކީ ޔާމީންގެ ތަަސައްވަރެއް ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ތަަސައްވަރާ އެއްގޮތަށް މިލަންދޫގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމަށެވެ. އެގޮތަށް ހަދާ އެއާޕޯޓުން ފައިދާ ވަނީ ޓޫރިޒަމް ފުޅާވެގެންކަމަށްވުމުން އެކަންވެސް ކޮށްދެއްވާނެ ކަމަށެވެ.

"މިލަންދޫގެ ރައްޔިތުން އަދި މި ދާއިރާގެ ރައްޔިތުންގެ އުއްމީދުކަމުގައިވާ އެއާޕޯޓު މި ރަށުގައި އެޅުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް. އެކަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް އަޅުގަނޑު ކޮށްދޭނަން. އެހެންނަމަވެސް ރިސޯޓު ހަދާނެ ރަށެއް މިތާ ކައިރިން ނުފެނޭ. ކޮންމެއަކަސް މި އަތޮޅުގައި ރިސޯޓުތައް ހެދޭނެ. ހެދިގެން ދިޔައީމަ، އަދި މި އަތޮޅަށް އެބަ އާދޭ އެހެން އެއާޕޯޓުތައް ވެސް. މި ހުރިހާ އެއާޕޯޓެއް ފީޒިބަލް ވާނީ އެކަށިގެންވާ ގޮތެއްގައި ބެޑުތައް، އެނދުތައް އިތުރުކުރެވިގެން. އެހެންވީމާ މި އަތޮޅުގައި، މިތާ ކައިރި އަތޮޅުތައް ހިމެނޭގޮތަށް ވެސް މި އަތޮޅުގައި ޓޫރިޒަމް އެނދުތައް އިތުރުކުރެވި، ޓޫރިޒަމްގެ ދާއިރާގެ ކުރިއަރައި ދާ އަތޮޅަކަށް މި އަތޮޅު ހަދާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިލަންދުއަށް ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި އެ ރަށު ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް، ރަށުގައި ހުރެގެން އަސާސީ ހިދުމަތްތައް ލިބޭ މިންވަރަށް އެ މަރުކަޒު ތަރައްގީކޮށްދިނުން ހިމެނެއެވެ. އަދި މަގުތައް ހެދުމުގެ ސްޕީޑު އަވަސް ކުރުމާއި އިސްލާމީ މަރުކަޒެއް ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަނީ ވޯޓު ހޯދަން ނޫން ކަމަށާއި ދައްކާ ވާހަކައާއި އަމަލާ ދިމާވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މި އިންތިހާބު އެއްބުރުން އޭނާއަށް ކާމިޔާބުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.