ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެއް އަހަރު ދުވަހުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓު ހުޅުވައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުގެ ތެރެއިން ހުޅުދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އައްސޭރި ޓޫރިޒަމް މަޝްރޫއު ހަގީގަތަކަށް ހަދައިދީ އައްޑޫގައި ޓޫރިޒަމް ތަރައްގީކުރާނެ ކަމަށެވެ.
"މިތާ ކައިރީ ޝަންގްރިއްލާ ރިސޯޓު، ވިލިނގިލި ރިސޯޓުގެ ވާހަކަ ދެއްކިއްޖެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމަށް ވަރަށް ސަމާލުކަންދީގެން ފުރަތަމަ އަހަރު 2024ގެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އެ ރިސޯޓު އަނބުރާ އޮޕަރޭޝަނަށް ގެނެސްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ރިސޯޓު ހުޅުވާ އިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީވާން ޖެހޭ ކަމަށާއި މިހާރު އޮތްގޮތަށް ހަ ވަރަކަށް މަންޒިލަށް ދަތުރުކޮށްގެން، ރިސޯޓު ހުޅުވުމުގެ ހަގީގީ މަންފާ ނުކުރާނެ ކަމަށެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެހެން ގިނަ ގައުމުތަކުން ފުލައިޓު އަންނަ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އައްޑޫގައި ވަޒީފާތަކެއް އުފެއްދުމުގެ ތަސައްވަރެއް ގެންގުޅުއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އައްސޭރި ޓޫރިޒަމް މަޝްރޫއު ނިމުމުން 6،000 ވަޒީފާ އުފެދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އައްޑޫގައި މިހާރު ހުރި ކޯލްޑް ފެކްޓްރީ މިފްކޯއާ އެއްވަރަށް ތަރައްގީކޮށް ކޭނިން ފެކްޓްރީއެއް ހެދުމުން އިތުރު 500 ވަޒީފާ އުފެދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ތިލަމާލެ ބުރިޖުގެ މަޝްރޫއަށް މުއިއްޒު ވަނީ މިއަދު ވެސް ފާޑު ވިދާޅުވެފައެވެ. އެ ބުރިޖުގެ މަސައްކަތް އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށްނުދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ގޭގަ ހުންނައިރު ކުޑަދޮރުން ބަލައިލާއިރު ކޮންމެ ދުވަހަކު ވެސް ފެނޭ ބުރިޖު އަޅަން މަސައްކަތްކުރާ ތަން. ކޮންމެ ދުވަހަކު އަޅުގަނޑު ހިތަށް އަރާ މި ބުރިޖު ދެން ކޮން ދުވަހަކު ބާއޭ އިތުރު ތަންކޮޅެއް އިތުރުވާނީ. ހަމަ ސީދާ ފެނޭ އަޅުގަނޑަށް،" މުއިއްޒު ވިދާޅުވިއެވެ.
ފަސް އަހަރު ނިމެންދާއިރު ބުރިޖުގެ ފަސް ހޮޅިދަނޑި ޖެހިފައިވާ ކަމަށާއި އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހޭ ގޮތެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހޭގޮތަށް ގެނެސްދެއްވާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޔާމީން ވަނީ ވައުދުވެވަޑައިގެންނެވި ގޮތަށް ފަސް އަހަރުގެ ތެރޭގައި ބުރިޖު އަޅައިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އައްޑޫ ރައްޔިތުން ބޭނުންވާ 15 ކިލޯމީޓަރުގެ ބުރިޖު، ހިތަދޫއާއި މީދޫ ދެމެދު އަޅާ ބުރިޖު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އައްޑޫއިން މިހާރު ފެންނަނީ ޔާމީންގެ ތަރައްގީ ބޭނުންވެފައިވާ މަންޒަރު ކަމަށެވެ. އަދި ޔާމީން ޖަލުން މިނިވަންކުރުމަށް ސިޔާސީ ބާރުވެރިކަން ބޭނުންވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު