މާލެ ސަރަހައްދުގެ ތަރައްގީގެ ތެރެއިން ކ. ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އޭނާގެ ވެރިކަމެއްގައި ގޯތި ހަދައިދޭން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެ ކަމަށް މުއިއްޒަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދުދެއްވައިފިއެވެ.

އިދިކޮޅުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ހިޔާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި މާލެ ސަރަހައްދަށް 65،000 ގެދޮރު އަޅައިދޭން ވައުދުވެފަ އެވެ. އަދި އެކަން ކުރާނީ ގުޅިފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކައި، ފުށިދިއްގަރު ފަޅު ހިއްކައިގެން ކަމަށްވެސް ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ގޯތި ދޭން ތަރައްގީކުރަން އިއުލާން ކުރި ތަނެކެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފެހެންދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، މުއިއްޒު ރޭ ހުށަހެޅުއްވި މެނިފެސްޓޯގައި "ތާކުންތާކުޖެހޭ" އެއްވެސް ސިޔާސަތެއް ނެތް ކަމަށެވެ.

އެގޮތުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކޮށްދޭނެ ކަމަށް ވިދާޅުވި އިރު، 2008ގައި އައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ގުޅިފަޅުގައި ހިންގަން އުޅުނު މަޝްރޫއުތައް ހުއްޓުވީ އޭގެ ފަހުން އައި ޔާމީންގެ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކަމަށް ވިދާޅުވިއެވެ.

"ބަލަ ކީއްތޯ ކުރެއްވީ އެ މަނިކުފާނު (މުއިއްޒު) ކުރީގެ ވެރިކަމުގައި މިނިސްޓަރުކަމުގައި ހުންނަވައިގެން. އެތަނުން ކުރީ ސަރުކާރުން ދީފައި ހުރި ގޯތިތައް ނެގީއޭ. އެއަށް ބަދަލެއްވެސް ދިނީއެއް ނޫން. އޭރު އަޅުގަނޑުމެންގެ އެމްޑީޕީގެ ސަރުކާރުން އެތަން ހިއްކީ ކޮންޓްރެކްޓެއް ހަދައިގެން. އެ މީހުންނަށް ދޭން އޮތް ލާރިއެއްވެސް ނުދިން. ނުދީ އޭރު ދީފައި ހުރި ފްލެޓްތައްވެސް އަނބުރާ ނެގީ. އަޅުގަނޑުމެންނަށް އެ ބަދަލު ދޭން ޖެހުނީ،" ރައީސް ވިދާޅުވިއެވެ.